މިދިޔަ މަހު ގަލޮޅު ދަނޑު ކައިރިން މަގު ހުރަސްކުރަނިކޮށް ސައިކަލަކުން ޖެހި އަނިޔާވި ޤައުމީ ޔުނިވަރސިޓީގެ ލެކްޗަރަރ އަލީ ހަފީޒު އިއްޔެ ވެންޓިލޭޓަރުން ނަގައިފިިއެވެ.
އުމުރުން 50 އަހަރުގެ ހަފީޒްގެ ގައިގައި، ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހުނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. ހާދިސާ ހިނގީ ހަފީޒު ފަތިސް ނަމާދުކޮށްގެން މިސްކިތުން ފައިބައި މަގުމައްޗަށް ނުކުތް ވަގުތެވެ.
އަދިވެސް އިންޑިއާގައި ފަރުވާ ދެމުން އަންނަ ހަފީޒުގެ ހާލު ރަނގަޅުވަމުން އައިސް ވެންޓިލޭޓަރުން ނެގިކަމަށް މައުލޫމާތު ލިބެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އޭނާ މިހާރު އޮތީ، ހައި ޑިޕެންޑެންސީ ޔުނިޓް (އެޗްޑީޔޫ) ގައި ކަމަށެވެ.
ހަފީޒު ގައިގައި ޖެހުނު ސައިކަލު ދުއްވަން އިން 22 އަހަރުގެ ފިރިހެން މީހާ ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ. އޭނާގެ އަތުގައި ލައިސަންސް ނެތެވެ.
