ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށް ވުމަށް ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ޝައުގުވެރިކަން ފާޅު ކުރައްވައިފިއެވެ.

Ads by Asuru

”ސަންގުޓީވީ“ގައި ވާހަކަދައްކަމުން ޖާބިރު ވިދާޅުވީ ރަނިންމޭޓު ކަމުގެ މަގާމު ލިބިއްޖެ ނަމަ ވަރަށް ބަރާބަރަށް އަދާކުރާނެ ކަމަށެވެ.

އަދި އެކަމަށް ޝައުގުވެރިވާ ވާހަކަ ރައީސަށް ދަންނަވާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް ރައީސް ސޯލިހު އަދި އެކަމަށް ވަކި އެއްޗެއް ވިދާޅު ނުވާ ކަމަށާއި، އެއީ ރައީސްގެ އަމިއްލަފުޅު ނިންމެވުމެއް ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ރަނިންމޭޓު އަދި މިހާތަނަށް ކަނޑައަޅާފައެއް ނުވެއެވެ. މިކަމާ ގުޅޭ މަޝްވަރާތައް ކޮންމެ ރެއަކު ވެސް ހިނގާ ކަމަށާއި، މިއީ އެމަނިކުފާނުގެ ސިކުނޑީގައި މިވަގުތު އެނބުރޭ އެންމެ ބޮޑު މައްސަލަ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

ޖާބިރު ރަނިންމޭޓަކަށް ވުމަށް ޝައުގުވެރިކަން ފާޅުކުރެއްވިއިރު، ކ.ގުޅީގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި އޭނާ ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަވެރިން ބަލި ކުރާނީ ”ޑޮލަރުން ތަޅައިގެން“ ކަމަށެވެ.