އާ ސިޔާސީ ޕާޓީ، ”ދަ ޑިމޮކްރެޓްސް“ގެ ރިޔާސީ ޕްރައިމަރީއަކަށް ޝައުގުވެރިކަމެއް ނެތް ކަމަށް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީީސް ނަޝީދު މިއަދު ވަނީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާ އެކު، ގާސިމްގެ އިސްނެންގެވުމަށް ބައްދަލުވުމެއް ބާއްވައިފައެވެ.

މި ބައްދަލުކުރެއްވުމަށް ފަހުގައި، ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން ހުރިތޯ ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް ނަޝީދު ވިދާޅުވީ އެ ޝައުގެއް ނެތް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނާއި، އަދި އެހެން ލީޑަރުންވެގެން މަޝްވަރާ ކުރީ ވެރިކަން ބަދަލުކުރުމަށް، ކުރަންޖެހޭ މަސައްކަތް ކުރަން ކަމަށެވެ.

އެއީ އިދިކޮޅުން އެއްކެނޑިޑޭޓަކު ނެރުންކަމަށާއި، އެ މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި ޕީޕީއެމްގެ އާނ ބަސް ހޯދުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޑިމޮކްރެޓްސްގެ މުއައްސިސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ ޑިމޮކްރެޓްސްއިން ރިޔާސީ ޕްރައިމަރީއަކަށް ހުޅުވާލާން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވާނީ ޕްރައިމަރީއަކުން ކަމަށެވެ.