ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ނިންމުމުގައި ރައީސް ޔާމީން އަބްދުލްގައްޔޫމަކީ ޕާޓީތަކުން އެއްބަސްވެވަޑައިންނަވާ ކެންޑިޑޭޓް ކަމުގައި ހަމަޖެއްސެވުމަކީ އެ ޕާޓީން އެދޭ ގޮތް ކަމަށް ޕޮރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބުނެފިއެވެ.

އެ ކޯލިޝަނުން މިހެން ބުނީ ޖޭޕީއާއި އެމްއެންޕީއާއި ޑިމޮކްރެޓްސްއިން މިއަދު ބައްދަލުކޮށް ރައީސް ސޯލިހުގެ ވެރިކަން ނިންމުމުގައި ޕީޕީއެމް އެއްބަސްވާނަމަ އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވާކަމަށް ބުނުމުންނެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ޕާޓީތަކުން އެއްބަސްވެވަޑައިންނަވާ ކެންޑިޑޭޓް ކަމުގައި ހަމަޖެއްސެވުމަކީ އެދޭ ގޮތް ކަމަށެވެ. އަދި ރައީސް ސޯލިހުގެ ވެރިކަން ނިންމުމުގައި ޕާޓީތަކުން ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތަށް ޕީޕީއެމް-ޕީއެންސީއިން ވަނީ މަރުހަބާ ކިޔައިފައެވެ.

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަން ފާހަގަކޮށް ޕީޕީއެމްއިން ބުނީ މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް އެ ކޯލިޝަންގެ ފަރާތުން މާލެއާއި އަތޮޅުތަކުގައި ބާރަށް ކުރިއަށް ގެންދާކަމަށެވެ.