މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް (ސަން ސިޔާމް)ގެ ޕާސްޕޯޓު ސިންގަޕޫރުން ހިފަހައްޓައިފިއެވެ.
ސިންގަޕޫރަށް ވަޑައިގަތުމުން މިދިޔަ ހޯމަ ދުވަހު އޭނާގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކުރީ ހިލްޓަން މައްސަލައާ ގުޅިގެންނެވެ.
ނ. އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާ އެކު ހެދި އެއްބަސްވުން ސަން ކުންފުނިން ބާތިލު ކުރީ 2013 ގައެވެ.
ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިނެއް ކަމަށްވާ ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރު އާބިޓްރޭޝަނުން އޮތީ ސިޔާމްގެ ސަން ޓްރެވަލްސް އަށް އަންގައިފައެވެ.
ނަމަވެސް އެ ފައިސާ އެ ކުންފުނިން ނުދައްކާތީ ހިިލްޓަން އިން ވަނީ އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރަން ހުށަހަޅައިފައެވެ.
ސިޔާމް ސިންގަޕޫރަށް މި ވަޑައިގަތީ އެ މައްސަލަ ސިންގަޕޫރުގެ ހައި ކޯޓުގައި ކުރިއަށް ގެންގޮސް ތިން މަސް ތެރޭގައި ފައިސާ ދައްކަން އަންގާފައި ވަނިކޮށެވެ.
