މާލެސިޓީ ކައުންސިލުން މާލޭގެ އެކި ސަރަހައްދުތަކުގައި ހިތްފަސޭހަ މައިޒާންތައް ތަރައްގީ ކުރަން ފަށައިފިއެވެ.

Ads by Asuru

މާލެ ސިޓީ ކައުންސިލުން ބުނީ މިއީ މާލެ ސިޓީގެ ހަތަރު ވަނަ ދައުރުގެ ކައުންސިލުން އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ”ހިތްފަސޭހަ މަގުމަތި“ އަދި ”ޗާލު މާލެ ސިޓީ“ގެ އަމާޒަށް ވާސިލްވުމަށްޓަކައި މި ދައުރުގެ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް ކަމަށެވެ.

އެގޮތުން މާލޭގެ ކާރޫބާރޫބޮޑު ސަރަހައްދުތަކުގެ ތެރެއިން ފާހަގަކުރެވޭ ހުސް ތަންތަނުގައި ހިތްފަސޭހަ މައިޒާންތަކެއް ކައުންސިލުން ދަނީ ތަރައްގީ ކުރަމުންނެވެ.

އޭގެ ތެރެއިން ބައެއް މައިޒާންތައް ތަރައްގީ ކޮށްފައިވަނީ މީހުންނަށް އިށީންދެވޭނެ ގޮތަށް ފަރުމާކޮށްގެންނެވެ.

މި މަސައްކަތުގެ ތެރެއިން މަޖީދީމަގާއި ފަނޑިޔާރު މަގާ ގުޅޭ ކަންމަތީގައި މާލެ ސިޓީ ކައުންސިލުން ތަރައްގީ ކުރި ބުރުގެ މަސައްކަތް މިހާރު ވަނީ ނިންމާލެވިފައެވެ.

މީގެ އިތުރުންވެސް އެހެން ބައެއް ސަރަހައްދުތަކުގައި މިފަދަ މައިޒާންތަކެއް ތަރައްޤީ ކުރުމުގެ މަސައްކަތް މާލެސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.

ފާއިތުވި ފަސް އަހަރުގެ ތެރޭގައި މާލެސިޓީގައިވާ މިފަދަ ބިނާތަކާއި މައިޒާންތައް ވަނީ އަޅާނުލެވި ވީރާނާވާން ދޫކޮށްލާފައެވެ.

އެހެންނަމަވެސް ހަތަރު ވަނަ ދައުރުގެ ކައުންސިލް ވުޖޫދުވުމާއި އެކު މާލޭގެ ޕާކުތަކާއި މައިޒާންތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްތައް ހަލުވިކަމާއިއެކު ފަށައިގަތެވެ.