މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން މާދަމާ ރަސްމީކޮށް ހުޅުވައިލާ އިރު، އިންތިހާބުގައި ވާދަކުރަން ހުށަހަޅާ މީހުން އިދާރީ ފީއެއްގެ ގޮތުގައި 100،000ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ އެއީ ޑިޕޮޒިޓް ފައިސާއެއް ނޫން ކަމަށާއި އެ ފައިސާ އަކީ ކެންޑިޑޭޓަށް ފަހުން އަނބުރާ ލިބޭނެ އެއްޗެއް ވެސް ނޫން ކަމަށެވެ.

އަދި އެ ފައިސާ ދައްކަން ޖެހެނީ ސަރުކާރުގެ ފައިސާ ދައްކަން ހަމަޖައްސާފައިވާ ނިޒާމުގެ ތެރެއިން އީސީން ފައިސާ ދައްކަން އެންގުމުން ކަމުގައި ވެސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް އަމިއްލަ ގޮތުން ކުރިމަތިލާ މީހެއް ނަމަ، އުމުރުން 18 އަހަރު ފުރިފައިވާ 1500 މީހުންގެ ސޮއި ހިމެނޭ ލިޔުމެއް ވެސް އީސީ އަށް ހުށަހަޅަންޖެހެއެވެ.

އަދި އެ ލިޔުމަކީ ސައްހަ ސޮއި ހިމެނޭ އަދި މައުލޫމާތު ފުރިހަމަވެފައިވާ ލިޔުމަކަށް ވާން ޖެހޭނެއެވެ.

ހަބީބު ވިދާޅުވި ގޮތުގައި އެ ލިޔުން އީސީ އިން ލިބޭނެއެވެ.

މި ލިޔުމުގައި ސޮއިކުރައްވާ 1500 ފަރާތެއްގެ އައިޑެންޓިޓީ ކާޑުގެ ކޮޕީ ހުށަހަޅަން ނުޖެހޭނެ ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ވޯޓްލުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި 604 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ މި އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ޖުމްލަ އަދަދަކީ 282406 އެވެ.