ކޮންމެ ފުލުހަކީވެސް އެ ފުލުހެއްގެ މަގާމުގެ ނިސްބަތުން އަދާކުރާ މަސްއޫލިއްޔަތުގައި ލީޑަޝިޕް ދެއްކުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެދިވަޑައިގެންފިއެވެ.
ކޮމިޝަނާ ހަމީދު މިކަމަށް އެދިވަޑައިގަތީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުން އައްޑޫގައި ކުރިއަށް ގެންދިޔަ ދެވަނަ ”އިންސްޕެކްޓަ ކޯސް“ ނިންމުމުގެ ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅު ގައެވެ.
ހަމީދު ވިދާޅުވީ ފުލުހުންނަށް ދެވޭ ތަމްރީނުތަކުގެ ތެރެއިން އިންސްޕެކްޓާ ކޯސް ހާއްސަވާ މުހިއްމު ސަބަބަކީ މިއީ ދިވެހި ފުލުހުންގެ ހިދުމަތުގެ ކޮމިޝަންޑު ރޭންކުތަކުގެ އޮފިސަރުންގެ ގިންތިއަށް ކުރިއެރުން ހޯދުމަށް ފުރިހަމަކުރަން ކަނޑައެޅިފައިވާ ތަމްރީނަކަށް ވާތީ ކަމަށެވެ.
”ކޯސް ނިންމި ފުލުހުންގެ ތެރެއިން މި ހާއްސަ ކްލަބަށް ވަނުމުގެ ފުރުސަތު މުސްތަގުބަލުގައި ލިބިގެންދާ ފުލުހުންނަށް އެ ލިބެނީ ވަރަށް ހާއްސަ ޝަރަފެއް،“ ހަމީދު ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ ފުލުހުންގެ މުސްތަގުބަލުގެ ލީޑަރުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގައި، ކޯސް ނިންމި ފުލުހުންނަށްވެސް ތަފާތު ފުރުސަތުތަކާއި ތަޖުރިބާތައް ހޯދައިދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އަދި ގަދައަޅައި މަސައްކަތްކުރާ ފުލުހުންނަށް އެ މީހަކަށް ހައްގު ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.
