ފުލުހުންގެ އޮފިސަރަކަށް ގޯސްކޮށް ކަމެއް ކުރެވިއްޖެ ނަމަ އެކަން ބަލާ ފިޔަވަޅު އަޅާނެ ކަމަށާއި، ފުލުހުންގެ އަގު ވައްޓައިލުމަށް ކުރާ މަސައްކަތް ބަލައިނުގަނެވޭނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހު އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޖު ކަވަރު ކުރަމުން ދިޔަ ދެ ނޫސްވެރިއަކު ކޮށްޕާލައި، ވައްޓާލި މައްސަލައާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ރޭ ކުރެއްވި ޓްވީޓެއްގައި އިމްރާން ވިދާޅުވީ، ސިފައިންގެ ބޭކަލަކަށް ނުވަތަ ފުލުހުންގެ އޮފިސަރަކަށް ގޯސްކޮށް ކަމެއް ކުރެވިއްޖެ ނަމަ އެކަން ބަލާ އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

‏ނަމަވެސް ސިފައިންނާއި ފުލުހުންގެ އަގުވައްޓާލުމަށް ކުރެވޭ މަސައްކަތަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިމްރާން ވިދާޅުވިއެވެ.

ސޯޝަލް މީޑއާގައި އާންމުވި ވީޑިއޯ އަދި ފޮޓޯތަކުން ފެންނަ ގޮތުގައި އެ ވަގުތު އެ ސަރަހައްދުގައި ތިބި ނޫސްވެރިން ދުރަށް ޖައްސަން އުޅުމުގެ ތެރެއިން، އެ ތަނުގައި ހުރި ފުލުހަކު ވަނީ ނޫސްވެރިން ކޮއްޕާ ވައްޓާލައިފައެވެ.