މާލޭގައި ހަށިވިއްކަމުން ދިޔަ ކަމުގައި ތުހުމަތުގައި ދިވެހި ދެ ފިރިހެނަކާއި، ބިދޭސީ ތިން އަންހެނަކު ހައްޔަރު ކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ދިވެހި ފުލުހުން ބުނީ، މާލޭގައި  އަލޯރާ ސްޕާގައި ހަށިވިއްކަމުންދާ ކަމަށް ލިބުނު އިންޓަލިޖެންސް މައުލޫމާތަކާ ގުޅިގެން މިމަހު 20 ވަނަ ދުވަހުގެ ރޭ ސްޕެޝަލް އޮޕަރޭޝަނާއި އެންޓި ހިއުމަން ޓްރެފިކް ޑިޕާޓްމެންޑާއި އިންޓަލިޖެންސް އަދި މޯލްޑިވަސް އިމިގްރޭޝަންއާ ގުޅިގެން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގައި ހައްޔަރު ކުރީ 34 އަހަރުގެ ބިދޭސީ 2 އަންހެނަކާއި 43 އަހަރުގެ ބިދޭސީ އަންހެނަކާއި 38 އަހަރު އަދި 39 އަހަރުގެ ދިވެހި ފިރިހެނެއް  ކަމަށް ފުލުހުން ބުނެއެވެ.
 ފުލުހުން ބުނީ، އޭގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްފައިވަނީ ނިވާކަން ކުޑަކޮށް ތިއްބާ ކަމަށެވެ.

މީގެ ތެރެއިން ދިވެހި ދެ ފިރިހެނުންގެ ތެރެއިން 39 އަހަރުގެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފައެވެ.

އަދި 38 އަހަރުގެ މީހާގެ ބަންދަށް 10 ދުވަސް ޖަހާފައިވާއިރު، ބިދޭސީ ތިން އަންހެނުންގެ ބަންދަށް ޖަހާފައި ވަނީ 15 ދުވަސް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އަންނަނީ، މިކަން އިތުރަށް ބަލަމުންނެވެ.