ގައުމާއި ދުރުގައި އާއިލާއާއި ވަކިން އުޅެންޖެހުނަސް، އިސްލާމް ދީނުގެ ސައްހަ އަގީދާގައި ސާބިތުވެތިބެ، ދީނީ ވާޖިބުތަކަށް ފަރުވާތެރިވެ، ކޮންމެ ހާލަތެއްގައިވެސް، ދިވެހި ގައުމުގެ އަގު ހިފަހައްޓައި، އަދަބު އަހްލާގުގެ އެންމެ މަތީ މިންގަނޑުގައި ސާބިތުވެ ތިބުމަށް ބާރުއަޅުއްވައި އެކަމަށް ޖަމްބޮރީގެ ބައިވެރިންނަށް މަގު ދެއްކުމަށް ސްކައުޓުންނާ، ގައިޑުންގެ ލީޑަރުންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރައްވައިފައިވަނީ މިއަދު ކުރިއަށްދިޔަ 25 ވަނަ ވޯލްޑް ސްކައުޓް ޖަމްބޮރީގައި ބައިވެރިވާ ދިވެހި ވަފުދާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ކުރިއަށްދިޔަ މި ބައްދަލުކޮށްލެއްވުމުގައި ރައީސް ސޯލިހުގެ އަރިހުގައި ޗީފް ގައިޑް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ސޯލިހު ވަނީ ޖަމްބޮރީގައި އުޅޭއިރު، އެ ޤައުމުގެ އާދަކާދަތަކާއި ހަމަތަކަށް އިހްތިރާމްކުރެއްވުމަށް ސްކައުޓުންނާއި ގައިޑުންގެ ފަރާތުން އެދިވަޑައިގެންފައެވެ.
އަދި ޖަމްބޮރީގެ ޤަވާޢިދުތަކަށް ފުރިހަމައަށް ކަމޭ ހިތައި ދިވެހިރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް ވެސް ޖަމްބޮރީގެ ބައިވެރިންގެ ފަރާތުން އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
މިއަދުގެ ބައްދަލުކޮށްލެއްވުމުގައި ރައީސް ސޯލިހު ވަނީ ޖަމްބޮރީގައި ބައިވެރިވުމުން ލިބިގެންދާނެ ފައިދާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އަދި ޖަމްބޮރީގެ ބައިވެރިންނަށް ގިނަ ފުރުސަތުތަކެއް ތަޖުރިބާ ކުރަން ފުރުސަތު ލިބިގެންދާނެކަން ފާހަގަކުރައްވައި، އެ ފުރުސަތުތަކުގެ ބޭނުން ހިފައި، ގޮންޖެހުންތަކާ ކުރިމަތިލާން ދަސްކުރާނެކަމުގެ ފުރިހަމަ އިތުބާރު އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
ދިވެހި ސްކައުޓުންނަކީ މިހާރު ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ވަރަށް ހުނަރުވެރި ބައެއް ކަމުގައި ވިދާޅުވަމުން، ރައީސް ވަނީ ދެކުނު ކޮރެއާގައި ބާއްވާ މިއަހަރުގެ ޖަމްބޮރީގެ ޕްލޭނިންގ ޓީމުގައި ދިވެއްސަކު ހިމެނުމަކީ އެކަމުގެ ހެއްކެއް ކަމުގައި ފާހަގަކުރައްވާފައެވެ.
އަދި އެމަނިކުފާނު ވަނީ ޖަމްބޮރީގެ ޕްލޭނިންގ ޓީމުގައި ހިމެނޭ ދިވެހި ސްކައުޓް ލީޑަރ ޢަލީ ޝަފާޢަތު މަނިކަށް ތަހުނިޔާ ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނުވަނީ، ދިވެހިންގެ ހުނަރުވެރިކަމާއި ފަންނުވެރިކަން ސާބިތުކޮށްދީ، ހިތްވަރުގަދަ ކެތްތެރި ދިވެހި ދަރިއަކަށްވުމަށް މަސައްކަތް ކުރުމަށް، ޖަމްބޮރީގެ ހުރިހާ ބައިވެރިންނަށް އިލްތިމާސްކުރައްވާފައެވެ.
މި ބައްދަލުކޮށްލެއްވުމުގައި ދިވެހި ކޮންޓިންޖެންޓް ލީޑަރ ސްކައުޓް އެސޯސިއޭޝަންގެ އިންޓަނޭޝަނަލް ކޮމިޝަނަރ މުޙައްމަދު ފައުޒޫނަށް ދިވެހި ދިދަ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.
ދުނިޔޭގެ 25 ވަނަ ސްކައުޓް ޖަމްބޮރީގައި ދިވެހިރާއްޖެ ތަމްސީލުކުރަނީ 425 ކޮންޓިންޖެންޓުންނެވެ.
