އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީޤަށް އިތުބާރު ނެތްކަމަށް އެ ކޮމިޝަނުގެ އަޣުލަބިއްޔަތުން ފާސްކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުގައި ޖުމްލަ ފަސް މެމްބަރުން ތިބެއެވެ.

އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފުއާދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި، އެޖެންޑާ ކުރެވިގެން ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 18 ވަނަ ދުވަހު ކަމަށެވެ. އެގޮތުން ހަތަރު މެމްބަރުން ޖަލްސާގައި ބައިވެރިވެފައިވާކަމަށް ރާއްޖެއެމްވީއަށް ވަނީ އެނގިފައެވެ.

އެ ޖަލްސާގައި ފުވާދު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

މި ޖަލްސާގައި ފާސްކޮށްފައިވަނީ، ރައީސްކަމުގައި ފުވާދު ހުންނަވައި ކަންކަން ކުރައްވަމުން ގެންދަވާ ގޮތުން، ރައީސަށް ކޮމިޝަނުގެ މެމްބަރުންގެ އިތުބާރު ނެތް ކަމަށާއި، ރައީސްކަމުގައި ފުވާދު މިހާރު އެ ހުންނަވަނީ ކޮމިޝަނުގެ މެމްބަރުންގެ އިތުބާރު ނެތި ކަމަށެވެ.

އެގޮތަށް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 4 މެމްބަރުންގެ ތެރެއިން 3 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.