ސަރުކާރާއި މަސައްކަތްކުރާ އޮފީސް ބަދުނާމުވާ ގޮތަށްއަމަލުކުރުން ޓީޗަރުންނަށް މަނާކޮށް, މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލެއް އާންމުކޮށްފިއެވެ.
ދަރިވަރުންގެ ކަރާމަތާއި ރައްކާތެރިކަން ކަށަވަރުު ކުރުމުގެ ގޮތުން, ދައުލަތާއި ސަރުކާރާއި މަސައްކަތްކުރާ އޮފީސް ނުވަތަ އިދާރާ ބަދުނާމުވާފަދަ އެއްވެސް އަމަލެއް މުދައްރިސަކު ކޮށްގެން ނުވާނެ ކަމަށް އެ އުސޫލުގައި ބުނެފައިވެއެވެ.
އަދި އެޑިއުކޭޝަން މިނިސްޓްރީން ކަންކަން ކުރަން ރާވައިފައިވާ ގޮތް ދެނެގަނެ އެކަންކަމާ ބެހޭ މައުލޫމާތު ތައުލީމީ ދާއިރާގެ ހިއްސާދާރުންނަށް އޮޅުންފިލުވައިދޭން ޖެހޭނެ ކަމަށްވެސް އެ ގަވާއިދުގައި ވަނީ ބުނެފައެވެ.
މި ސުލޫކީ މިންގަނޑުގެ މަގްސަދުގެ ގޮތުގައި ބަޔާންކޮށްފައި ވަނީ މުުދައްރިސުންގެ ކިބައިގައި ހުންނަންޖެހޭ ފަންނީ އަހުލާގާއި އާދަތައް ހަރުދަނާކުރުމުގެ އިތުރުން ކޮންމެ މުދައްރިސަކީ ވެސް ޒިންމާ އަދާކުރުމުގައި ތެދުވެރި މީހަކަށް ހެދުމެވެ.
އެގޮތުން އިހުލާސްތެރި ކަމާއި ޒިންމާދާރު ކަމާއެކު މަަސައްކަތްކޮށް އަދި ކަމަށް ކަމޭހިތާ މީހަކަށް ހެދުން ކަމުގައި ވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ދިވެހި މުޖުތަމައުގައި ތައުލީމީ ދާއިރާއަށް އޮންނަ ގަދަރާއި އިހްތިރާމް އިތުރުކޮށް ދެމެހެއްޓުންވެސް ހިމެނެއެވެ.
ހަމައެެހެންމެ މުދައްރިސުންގެ ފަންނީ އަހްލާގާއި އިޖުތިމާއީ ސުލޫކު ހަރުދަނާ ކުރުމަކީ ވެސް މި އުސޫލުގެ މަގްސަދެކެވެ.
މި އުސޫލުގައި ބުނެފައިވާ ގޮތުން މުދައްރިސުންގެ ސުލޫކީ މިންގަނޑު ބިނާވެފައި އޮންނަނީ ހަތް އަސާސެއްގެ މައްޗަށެވެ.
އެއީ ދަރިވަރުންގެ ކަރާމަތާއި ރައްކާތެރިކަމާއި ތައުލީމީ ދާއިރާގެ އިތުބާރުގެ މައްޗަށާއި ދަރިވަރުންގެ ފަރުދީ ތަފާތުތަކުގެ މައްޗަށާއި ފަންނީ އަދި ރަސްމީ ގުޅުންތަކާއި ފަންނީ އަހްލާގާއި ތެދުވެރިކަމާއި އިހްލާސްތެރިކަމާއި ޒަމާނާ އެކަށޭނެ އިލްމާއި ފަންނުވެރިކަމުގެ މައްޗަށެވެ.
މީގެ އިތުރުން މި އުސޫލުގައި އިތުރަށް ބުނެފައިވަނީ ދަރިވަރުންގެ ހައްގުތައް ރައްކާތެރިކޮށް، އެ ހައްގުތައް ކަށަވަރުކުރުމަށް މުދައްރިސެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރަން ޖެހޭނެ ކަމަށެވެ.
