މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމްގެ އިންތިހާބީ އެޖެންޓަކަށް އެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ހަމަޖައްސައިފިއެވެ.

އެ ޕާޓީން މިއަދު ކުރި ޓުވީޓެއްގައި ވަނީ ނާޒިމްގެ އިންތިހާބީ އެޖެންޓަކަށް އުޝާމް ހަމަޖެއްސިކަން ހާމަކޮށްފައެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކޮންމެ ކެންޑިޑޭޓަކު ވެސް އިންތިހާބީ އެޖެންޓެއް ކަނޑައަޅަން ގާނޫނުން ލާޒިމްކުރެއެވެ.

އިންތިހާބީ އެޖެންޓުގެ މަސްއޫލިއްޔަތުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ޖަވާބުދާރީވުމާއި ގާނޫނީ ކަންކަން ބެލެހެއްޓުން ހިމެނެއެވެ.

އެމްޑީޕީން މިހާރު ވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު އިންތިހާބީ އެޖެންޓަކަށް ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ހަމަޖައްސައިފައެވެ.

އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީން އަބްދުލްގަޔޫމްގެ އިންތިހާބީ އެޖެންޓަކަށް ހަމަޖައްސާފައިވަނީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތަލާލެވެ.