އެމްއާރްއެމް އިން ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްއާރްއެމުން ބުނީ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ.

ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލާ ފަރާތަކީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައިވާ ޝަރުތުތައް ފުރިހަމަވެފައިވާ ފަރާތަކަށް ވުމާއި، އެމްއާރްއެމްގެ މެމްބަރެއްގެ ގޮތުގައި މަދުވެގެން އެއް އަހަރު ވެފައިވާ ފަރާތަކަށްވާންޖެހެއެވެ.

މި ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ އެ ޕާޓީގެ ދަފްތުގައި ހިމެނޭ މެމްބަރުންނަށެވެ.

ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްއާރްއެމުން ރިޔާސީ ކެންޑިޑޭޓެއް ނެރުމަށް ތައްޔާރުވަމުންދާއިރު، މި ޕްރައިމަރީގައި އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ވާދަކުރައްވާނެ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.