މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ރޭ ބާއްވަވައިފިއެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެކިއެކި ބޭފުޅުންނާއި ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ، އެބޭފުޅުންނަށް މަރުޙަބާ ވިދާޅުވެ، މިނިވަންދުވަހުގެ ތަޙްނިޔާ ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ނަސީމާއި، ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންނާއި، ދައުލަތުގެ އިސްވެރިންނާއި، ދިވެހި ދައުލަތުން ޢިއްޒަތް އަރުވާފައިވާ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެކި ދައުރުތަކުގައި ވަޒީރުކަން ކުރެއްވި ބޭފުޅުންނާއި، ޝަރުޢީ ދާއިރާއާއި، މިނިވަން މުއައްސަސާތަކުގެ އިސްބޭފުޅުންނާއި، އެކި ކޮމިޝަންތަކުގެ މެންބަރުންނާއި، ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
މިނިވަން ދުވަސް ފާހަގަ ކުރަން ގިނަ ހަރަކާތްތަކެއް ހިންގަން ސަރުކާރުން ވަނީ ނިންމައިފައެވެ.
އެގޮތުން މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ އޮންނާނީ މިއަދު ހެނދުނު 10 ޖަހާއިރު، ސޯޝަލް ސެންޓަރުގައެވެ. މި ޖަލްސާގައި ރައީސް ސޯލިހު ދިވެހި ޤައުމާ މުހާތަބު ކުރައްވާނެއެވެ.
މި ޖަލްސާގައި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ދެއްވުމާއި، ކީރިތި ޤުރްއާން ހިތުދަސްކޮށް، 1 ވަނަ ދަރަޖައިގައި ފާސްވި ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެލް ދެއްވުން ވެސް އޮންނާނެ އެވެ. އަދި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް މާދަމާ ރޭ ގަލޮޅު ދަނޑުގައި އޮންނާނެ އެވެ.
