މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ބޭއްވި، ދިދަނެގުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބައިވެރިވެވަޑައިގެންފިއެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރުފުރޭ 59 ވަނަ މިނިވަންދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބޭއްވި، ދިދަނެގުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައި ޖުމްހޫރީ މައިދާނުގައެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތުގައި، ވަޒީރުންނާއި ދައުލަތުގެ އިއްޒަތްތެރީން ވަނީ ރައީސް ސޯލިހުގެ ދެކަނބަލުންގެ އަރިހުގައި ބައިވެރިވެ ވަޑައިގަންނަވާފައިވެއެވެ. އަދި، މި ރަސްމިއްޔާތަށް ދަޢުވަތު އެރުވިގެން ވަޑައިގެންނެވި ގިނަ އަދަދެއްގެ ބޭފުޅުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދުދީދީ އާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާންއެވެ.
މި ރަސްމިއްޔާތުގައި ދިދަ ނެގުމުގެ އިތުރުން ދުވަހާއިގުޅޭ ޚާއްޞަ ދުޢާއެއް ވަނީ ކޮށްފައެވެ. އިސްވެ މި ދުޢާ ކޮށްދެއްވާފައިވަނީ އައްޝައިޚް ޢާޒިމް ޚާލިދެެވެ.
ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖުލައިމަހުގެ 26 ވަނަ ދުވަހެވެ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައި ވަނީ 26 ޖުލައި 1965 ގައެވެ.
