ރައީސް ޔާމީން އަބްދުލްޤައްޔޫމަކީ އަޖައިބު ކުރުވަނިހާ މިންވަރަށް، ޤައުމީ ލޯބި ވަރުގަދަ ބޭފުޅެއް ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރު މިފަދައިން ވިދާޅުވެފައި ވަނީ، މިރޭ ޗެނަލް13 މެދުވެރިކޮށް ދެއްވި ޚާއްޞަ މެސެޖެއްގައެވެ. މޭޔަރުގެ ވާހަކައިގައި، އެއްވެސް އަސާސެއް ނެތް ގޮތެއްގައި، އޭނާގެ މައްޗަށް ކުރަމުން އަންނަ ތުހުމަތުތަކަށް ވަރަށް ތަފްޞީލުކޮށް ޖަވާބު ދެއްވައި، ރައީސް ޔާމީނަށްޓަކައި މުޢިއްޒުގެ ހިތުގައި އޮތް ޚާއްޞަ ލޯބި ހާމަކުރެއްވިއެވެ.
މުޢިއްޒު ވިދާޅުވީ ރައީީސް ޔާމީނަކީ ޢަޒުމްފުޅު، ވަރުގަދަ، ކޮންމެ ކަމެއްގައި ވެސް، ދަންނަވަން ޖެހޭ ޙައްޤު ބަސް ދަންނަވަން ކެރިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ.
މުޢިއްޒު އިތުރަށް ވިދާޅުވީ ރައީީސް ޔާމީން އަކީ އެއްވެސް ކުށެއް ނެތް މައުސޫމް ބޭފުޅެއް ކަމަށާއި، އެމަނިކުފާނު މިނިވަން ކުރުމުގެ މަސައްކަތުގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް، މުޢިއްޒު ވެސް މަސައްކަތް ކުރައްވަމުން ދަނީ، އިޙްލާސްތެރި ހިތަކާއެކު ކަމަށެވެ.
”އެމަނިކުފާނު ހައްޔަރު ކޮށްގެން އުޅެނީ ސިޔާސީ ބޭނުމެއްގަ. އެމަނިކުފާނަކީ އެންމެ ވަރުގަދަ ޝަޙްސިއްޔަތު ކަމަށް ވާތީ. މި ވަގުތުވެސް އަޅުގަނޑު އެދޭ އެދުމަކީ، ރައީސް ޔާމީން މިނިވަން ވުން. އެއީ އަޅުގަނޑުގެ ދުޢާ.“
މުޢިއްޒު އިތުރަށް ވިދާޅުވީ، މި ޤައުމަށް އެންމެ ބޮޑަށް ބޭނުންވަނީ ރައީީސް ޔާމީންގެ ލީޑަރޝިޕް ކަމަށެވެ.
އިޤްތިޞާދީ ގޮތުުންނާއި ޤައުމީ ބޮޑެތި މައްސަލަތަކަށް ބެލިޔަސް، އެ ހުރިހައި ކަމެއްގެ ޙައްލަކީ ރައީސް ޔާމީންގެ ލީޑަރޝިޕް ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
މުޢިއްޒު ވިދާޅުވި ގޮތުގައި، މާލެ ސިޓީގެ މޭޔަރު ކަމަށް އޭނާ ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރެއްވީ ރައީސް ޔާމީން އެދިވަޑައިގަތުމުން ކަމަށެވެ.
މުޢިއްޒު އިތުރަށް ވިދާޅުވީ، މި ހުުތޫރަތްތެރި ދަނޑިވަޅުގައި ޕީޕީއެމް-ޕީއެންސީގެ މެމްބަރުންގެ ޢަޒުމަކަށް ވާން ޖެހޭނީ ރައީސް ޔާމީން މިނިވަން ކުރުން ކަމަށެވެ.
