ރާއްޖެއިން ނައްތާލެވިފައިވާ ބަލި، މީސްލްސް ނުވަތަ ހިމަބިއްސަށް ދިވެއްސަކު ޕޮޒިޓިވް ވުމާއި ގުޅިގެން، އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެ އެޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި އުޅޭ އެ މީހާ ހިމަބިއްސަށް ޕޮޒިޓިވްވީ މިދިޔަ އަންގާރަ ދުވަހު ކަމަށާ އެ އޭޖެންސީން ބެލިބެލުމުން އޭނާއަށް ބަލި ޖެހުނީ ރާއްޖެއިން ބޭރުން ކަން އެނގިފައިވާކަމަށެވެ.
އަދި އެމީހާއަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކަމަށާއި އޭނާގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށެވެ.
މީގެ އިތުރުން އެޗްޕީއޭ އިން ބުނީ އެމީހާއަކީ މީސްލް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހެއް ކަމަށާ މި ބަލި އިތުރަށް ފެތުރިޔަ ނުދިނުމަށް އެ އޭޖެންސީ އިން މަސައްކަތް ކުރަމުން އަންނަކަމަށެވެ.
އެޗްޕީއޭ އިން ބުނީ ބަލި ޖެހިފައިވާ ފަރާތުން، އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު އޮންނަ މުއްދަތުގެ ތެރޭގައި އޭނާ ދަތުރުކޮށްފައިވާ ކަމަށާ އެހެންކަމުން ދަތުރުމަތީގައި އަދި ގެ އާއި ހޮސްޕިޓަލުން އޭނާއާއި ދިމާވި މީހުންގެ މައުލޫމާތު އެއްކުރަމުން ދާ ކަމަށެވެ.
އަދި އެމީހުންގެ ތެރެއިން މީސްލްސް ވެކްސިން ޑޯޒްތައް ފުރިހަމަނުކުރާ މީހުންނަށް ވެކްސިން ދިނުމާ ބަލިމީހާ ދިރިއުޅޭ ސަރަހައްދުގައި ރިންގް ވެކްސިނޭޝަން ކުރިއަށް ގެންދާނެކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.
