މާލޭގައި ހޮޑުލުމާއި ބޭރަށް ކުއްލިއަކަށް އިތުރުވެފައިވަނީ ވަކި ކާނާއެއްގެ ސަބަބުން ނޫން ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.
މާލޭގައި ކުއްލިއަކަށް އާދަޔާ ހިލާފު ބާރުމިނެއްގައި ކުޑަކުދިންގެ މެދުގައި ހޮޑުގެ ރޯގާއެއް ފެތުރެމުންދާއިރު ބައެއް ހޮސްޕިޓަލުތަކުގެ އިމަޖެންސީ ރޫމްތައް ވެސް މިހާރު ވަނީ ފުރިފައެވެ.
ކުއްލިއަކަށް ހޮޑުގެ ރޯގާއެއް ފެތުރެން ފެށީ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ބެހި މެޓާއެއްގެ ސަބަބުން ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާއިރު އެޗްޕީއޭ އިން މިރޭ ބުނީ މިއީ ވައިރަހެއެއްގެ ސަބަބުން ފެތުރެމުންދާ ބައްޔެއް ކަމަށާއި މިއީ އެއްވެސް ކާނާއެއްގެ ސަބަބުން ފެތުރޭ ބައްޔެއް ނޫންކަން އެ އެޖެންސީން ހޯދި ހޯދުންތަކުން އެނގިފައިވާ ކަމަށެވެ.
މާލެ ސަރަހައްދުގައި ހޮޑުލުމާއި ބޭރަށް ހިންގުމުގެ ބަލި ފެތުރޭތާ ދެ ހަފްތާ ވެފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.
އެޗްޕީއޭ އިން ވަނީ ހޮޑުލައި ބޭރަށް ހިންގާ މީހުން ކުއްލިއަކަށް ގިނަވެފައިވާތީ އެކަމުގެ ސަބަބު ދެނެގަތުމަށް އަދިވެސް މަސައްކަތް ކުރަމުންދާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.
އެގޮތުން ބަލީގެ އަލާމާތެއް އުޅޭނަމަ ބޭރަށް ނުނިކުމެ ގޭގައި މަޑުކުރުމަށާއި ގިނަގިނައިން އަތް ދޮވުމާއި މީހުން އެއްވާ ތަންތަނަށް ނުދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
