ދަރަންޏަކީ ކޮންމެހެން ދައްކަން ބޭނުންވާ އެއްޗެއް ނޫން ކަމަށާއި، އެ ދައްކަން ޖެހޭނީ ވަގުތު އައިސް ޖެހުމުން ކަމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ސިޔާމް މިހެން ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިނުގައި، ށ.މިލަންދޫގައި، ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މި ސަރުކާރުން ވަރަށް ގިނަ މިންވަރަކަށް ދަރަނި ނަގާކަން ފާހަގަކޮށް، އަމާޒު ކޮށްފައިވާ ފާޑުކިޔުންތަކަށް ސިޔާމް ރައްދު ދެއްވިއެވެ.
އޭނާ ވިދާޅުވީ، ގައުމަށް ލިބިފައި ހުރި އެއްޗަކުން ތަރައްގީއެއް ނުގެނެވޭނެ ކަމަށާއި، ކުރަން ޖެހޭނެ ކަމަކީ ފައިސާ ހުރި ތަންތަނަށް ގޮސް، ފައިސާ ހޯދުން ކަމަށެވެ.
”ދަރަންޏަކަށް ވަނީ ކިހިނެއްތޯ އަޅުގަނޑު ތި ބޭފުޅުންނަށް ދަންނަވާލާނަން. ދަރަންޏަކަށް ވަނީ، ދަރަނި ދައްކަން ޖެހޭ ދުވަހު، ނުދެއްކުނީމަ. އޭގެ ކުރީގަ، އެ ނުވާނެ ދަރަންޏަކަށް. އެވާނީ އަަަަރަންޏަކަށް.“
ސިޔާމް އިތުރަށް ވިދާޅުވީ ގައުމަކަށް އެންމެ މުހިންމީ ސިޔާސީ ހަމަޖެހުން ކަމަށާއި، އެމެރިކާގައި ވެސް ”ޕޮލިޓިކަލް ސްޓެބިލިޓީ“ އޮތީ، އެ ގައުމުން އުސޫލުތަކުގައި ހިފަހައްޓާތީ ކަމަށެވެ.
ސިޔާމް ވިދާޅުވީ ރައީސް ސޯލިހުގެ ވިސްނުން ހުރީ ކޮންމެ ކުއްޖަކަށް ހިލޭ ކިޔަވައިދޭން ކަމަށާއި، ދެން އަންނަ ދައުރެއްގައި ޕްރީ ސްކޫލުން ފެށިގެން ޕީއެޗްޑީ އާއި ހަމައަށް ހިލޭ ކިޔަވައިދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
”އަޅުގަނޑުމެންގެ ރިޒާވް ވެސް ގިނަ ވާނެ، އަދި މިހާރު، އިދިކޮޅުން އެ ދައްކާ ދަރަނި ވެސް ދެއްކޭނެ، ދަރަންޏަކީ ކޮންމެހެން ދައްކަން ބޭނުންވާވެސް އެއްޗެއް ނޫން، މީހަކު ބުނާހެން، ހަގީގަތުގައި. ދަރަނި ދައްކަން ޖެހޭނީ، ދަރަނީގެ ވަގުތު އައިސް ޖެހުނީމަ.“
ސިޔާމް މިލަންދޫގައި ބޭއްވި ޖަލްސާގައި ވެސް، ރައީސް ސޯލިހު ކޮވިޑް-19ގެ ޕެންޑެމިކް މެނޭޖް ކުރެއްވި ގޮތަށް ތައުރީފު ކުރެއްވިއެވެ. އަދި އޭނާގެ ރިސޯޓަކަށް އަސް ގެނައުމަށް ހިތްވަރު ދެއްވީ ވެސް، ރައީީސް ކަމަށް ވިދާޅުވިއެވެ.

އެހެންވީމަތާ ޑެކުސްފާސާނުދައްކާދައުލްތްދޮއްނަމުންމީހުންތަށްއެއުލެނީ މިކަހަލަބުރާތޖއާފަހުންޕާޓީހަލާކުވެޖެ