ދަރިމައިވުމުގެ މައްސަލަތަކުގެ ތެރެއިން ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ކަންކަމަކީ، ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށ ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަންކަން ކަމުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، ފާރޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ފަރާތުން އައި.ވީ.އެފް ހެދުމަށް ފޯރުކޮށްދޭ މާލީއެހީއަށް ހޮވިފައިވާ ފަރާތްތަކަށް، އެ އެހީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މިރަސްމިއްޔާތު އޮތީ، އިއްޔެ ހަވީރު ސޯލްޓްކެފޭ އެންޑް ރެސްޓޯރެންޓްގައެވެ.
މިރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ފާރޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ މަސައްކަތް ފާހަގަކުރައްވައި، އެޖަމްޢިއްޔާގެ ހިންގުންތެރީންނަށް ހިއްވަރުދެއްވިއެވެ.
މީގެ އިތުރުން ޖަމްޢިއްޔާ ޖަމާއަތްތަކުން އިސްނަގައިގެން އާއްމުން ހޭލުންތެރިކުރުވުމާއި، ޚިދުމަތް ދިނުމުގައި ހަރަކާތްތެރިވުމަކީ، ސިޔާސަތުތައް ކަނޑައެޅުމާއި ތަންފީޒް ކުރުމާއި ކަންކަން ރަނގަޅު ކުރުމަށް ލިބޭނެ ވަރަށް ބޮޑު އެހީތެރިކަމެއް ކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އުފަންވެނި ސިއްޙަތާއި، ދަރިމައިވުމުގެ ޞިއްޙަތު އަދި ދަރިން ލިބޭ މިންވަރާ، ރާއްޖޭގެ އާބާދީއަށް އަންނަ ބަދަލުތަކުގެ މައްޗަށްވެސް ރައީސްގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
މިގޮތުން ބޯހިމެނުމުގެ ތަފާސް ހިސާބުތައް ފާހަގަކުރައްވައި އެކަމަނާ ވަނީ، މިދިޔަ އަހަރާއި ހަމައަށް އައިރު ކުދިން ހޯދާ ނިސްބަތް ވަރަށް ބޮޑަށް ދަށްވެފައިވާކަން ފާހަގަކުރައްވައިފައެވެ.
އެކަމަނާ ވިދާޅުވީ، އެއީ ޙާއްސަގޮތެއްގައި ސަމާލުކަންދޭންޖެހޭ މުހިއްމު މައްސަލައެއްކަމުގައި ދެކިގެން ސަރުކާރުން ދަނީ ފާރޓިލިޓީ ސަޕޯޓާއި ގުޅޭ ޚިދުމަތްތައް ރާއްޖޭގައި ފުޅާކުރުމަށް މަސައްކަތް ކުރަމުން ކަމަށެވެ.
ފަޒްނާގެ ވާހަކަފުޅުގައި، ދަރިމައިވުމުގެ މައްސަލަ ދިމާވާ އާއްމު ސަބަބުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ.
އެކަމަނާ ވިދާޅުވީ، ދަރިމައިވުމާއި ގުޅޭ މުޅި މައްސަލައަށް ހައްލެއް ހޯދަން ޖެހޭކަމަށެވެ. އަދި ރަނގަޅުކާނާ ކެއުމާ ކަސްރަތު ކުރުމާ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކުރާހޭދަ އިތުރުކުރަންޖެހޭ ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.
