ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ނައިބު ރައީސް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލަ ބެލުމަށް ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުން ގޮވާލައިފިއެވެ.
އިދިކޮޅުން މިއަދު ނެރުނުގައި ބަޔާނެއްގައި ބުނީ މޭޔަރަށް އިންޒާރު ދިން މައްސަލަ ފުލުހުން ތަހުގީގުކޮށް، އެކަން ކުރި މީހުންނަށް އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް ގޮވައިލާ ކަމަށެވެ.
މުއިއްޒަށް މަރުގެ އިންޒާރު ދީ މެސެޖުތަކެއް ފޮނުވީ ތައިލެންޑު ނަންބަރުކަން އޭނަގެ އަނބިކަނބަލުންގެ ފޯނަށެވެ. އެ މެސެޖުތަކުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް ޔާމީންގެ ނިންމުން ބަދަލުކުރަން މުއިއްޒު އެއްވެސް ވަރަކަށް ވިސްނަވައިގެން ނުވާނެ ކަމަށާއި ޔާމީންގެ ނިންމެވުމަކީ ފަހުގެ ނިންމެވުން ކަމަށް ބުނެފައިވެއެވެ.
އެގޮތުން ޔާމީންގެ ރަނިންމޭޓަކީ ޑރ. މުހައްމަދު ޖަމީލް އަހުމަދު ކަމަށާއި ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭ ހާލަތުގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓަކަށް ވާނީ ޑރ. ޖަމީލް ކަމަށް ވެސްއި ބުނެފައިވެއެވެ.
ޕީޕީއެމް-ޕީއެންސީގެ ބަޔާނުގައި ބުނީ ކޯލިޝަންގެ ލީޑަޝިޕާއި ސެނެޓް މަސައްކަތްކުރާނީ ބިރު ދެއްކުންތަކާއި އިންޒާރުތަކަށް ބެލުމެއް ނެތި ކަމަށެވެ.
އަދި އިދިކޮޅު ލީޑަރު، ރައީސް ޔާމީނަށް ސަރުކާރުން ކުރަމުން ގެންދާ އަނިޔާތަކުން އެ މަނިކުފާނު މިންޖުކޮށް، ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެ މަނިކުފާނަށް ކާމިޔާބުކޮށް ދިނުމުގައި އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް ދީފައިވެއެވެ.
