ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕީއެންސީން ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ރަސްމީކޮށް ނިންމައިފިއެވެ.
މިކަން ހާމަކުރައްވައި، އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ، ޕީއެންސީން، އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމާފައިވަނީ، އެ ޕާޓީގެ މަޝްވަރާ މަޖިލީހުގައި ބައިވެރިވި 47 މެމްބަރުންގެ ތެރެއިން 44 މެމްބަރުންގެ ވޯޓު ލިބިގެން ކަމަށެވެ.
ޕީއެންސީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓެއް ނެރުމަށް އެންގެވީ، އެ ޕާޓީ ހިމެނޭ ކޯލިޝަންގެ ލީޑަރު، އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީނެވެ. އެމަނިކުފާނު މިކަމަށް އެންގެވީ، އެމަނިކުފާށް އިންތިހާބުގައި ވާދަ ނުކުރެވޭ ހާލަތެއްގައި ކެންޑިޑޭޓަކު ނެރުމަށެވެ.
އެ ޕާޓީގެ ޓިކެޓަށް މިހައިތަނަށް ޝައުގުވެރިކަން ފާޅު ކުރައްވައިފައި ވަނީ މާލޭގެ މޭޔަރު، އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި، ޕީއެންސީގެ ޕީޖީ ލީޑަރު، އާދަމް ޝަރީފު އުމަރު ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
ނަމަވެސް ދެބޭފުޅުން ވެސް ރަސްމީކޮށް މިކަން ހާމައެއް ނުކުރައްވައެވެ.