އެމްޑަބްލިޔުއެސްސީއިން ހއ. މުރައިދޫގައި ކުރިއަށް ގެންދިޔަ ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ނިންމައި އިފްތިތާހުކޮށްފިއެވެ.
މުރައިދޫ ފެނުގެ ނިޒާމް އިފްތިތާހު ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.
މިރަސްމިއްޔާތުގައި މިކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި ދައުލަތުގެ ވަޒީރުންނާއި، ފެނަކަ ކޯޕަރޭޝަންގެ އިސްވެރިންނާއި، މިކުންފުނީގެ ހީވާގި މުވައްޒަފުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.
އެމްޑަބްލިޔުއެސްސީއިން ބުނީ މިމަޝްރޫއުގެ ދަށުން، މުރައިދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމްކޮށް، ފެން ހޮޅީގެ މައި ނެޓްވޯކް އަޅައި އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދީފައިވާ ކަމަށެވެ.
މީގެ އިތުރުން، ފެން އުފެއްދުމަށްޓަކައި ފެންޕްލާންޓް ބަހައްޓައި ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިން ވެސް އަޅާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
އޭގެ އިތުރުން ފެން ރައްކާކުރުމަށް ފެން ތާނގީ ވެސް ބަހައްޓާފައިވެއެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދީފައިވާ ކަމަށް ވެސް އެމްޑަބްލިޔުއެސްސީއިން ބުނެއެވެ.