ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ގޮތުން، ޕީއެންސީގެ ރިޔާސީ ޓިކެޓް މިއަދު އެއް ބޭފުޅަކަށް އަރުވައި، އިދިކޮޅު ކޯލިޝަންގެ ”ބެކަޕް“ ކެންޑިޑޭޓް ކަނޑައަޅާނެއެވެ.

ޕީއެންސީގެ ކެނޑިޑެންސީ ކާމިޔާބު ކުރެއްވޭނެ ކަމަށް، އެ ޕާޓީގެ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރެއްވި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު ވެސް ޔަގީން ކުރައްވައެވެ.

ޕީއެންސީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް އިދިކޮޅު ލީޑަރު، ރައީީސް ޔާމީން އެންގެވީ، އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވިދާނެތީއެވެ. ޕީއެންސީގެ ޓިކެޓަށް ވާދަ ކުރައްވަނީ މުއިއްޒާއި އާދަމް ޝަރީފު އެކަންޏެވެ. މިއަދު 14:00އަށް އެކަމަށް ހުޅުވައިލި ފުރުސަތުގައި އެހެން ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވައިފައެއް ނުވެއެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓް ހޯދުމަށް، އެ ޕާޓީއަށް ސޮއި ކުރެއްވުމަށް ފަހުގައި، މޭޔަރު މުއިއްޒު ވިދާޅުވީ އޭނާ އަކީ ޕީޕީއެމްގެ ރައީސް، ރައީސް ޔާމީނަށް ވަފާތެރި މެންބަރެއް ކަމަށާއި، އޭނާ ކުރިއަށް ވަޑައިގަންނަވަނީ، ރައީސް ޔާމީންގެ ތަރައްގީގެ ފިކުރުގައި ކަމަށެވެ.

”ޕްރައިމަރީ އިރާދަކުރެއްވިއްޔާ، ކާމިޔާބު ކުރެވޭނެ، އެއީ އަޅުގަނޑަކީ ރައީީސްގެ، ހުރިހައި ކަމެއްގައި ރައީީސްގެ ވިސްނުންފުޅާއި އެއްގޮތަށް ކުރިއަށްދާ މީހެއްކަން، ޕާޓީގެ ހުރިހައި އެންމެން ވެސް ގަބޫލު ކުރެވޭނެ.“

ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރައްވާ މުއިއްޒު، އެ ޕާޓީއަށް ސޮއި ކުރައްވަނީ-

މުއިއްޒު އިތުރަށް ވިދާޅުވީ، އޭނާ ރިޔާސީ ޓިކެޓަށް ވާދަ ކުރައްވަނީ ރައީީސް ޔާމީން މިނިވަން ކުރުމުގެ ބޭނުމުގައި ކަމަށާއި، ވަޒީރެއްގެ ގޮތުގައި ވެސް، އަދި މިހާރު ވެސް މާލެ ސިޓީ ކައުންސިލުގައި ވެސް އޭނާ މަސައްކަތް ކުރައްވަނީ، ރައީސް ޔާމީންގެ ތަރައްޤީގެ ފިކުރުގައި ކަމަށެވެ.

”އަޅުގަނޑުމެންގެ ދުއާ އަކީ، ހަމަ، ވަގުތު އޮއްވައި، ރައީސް މިނިވަންވެގެން ވަޑައިގަތުން.“ މުއިއްޒު އިތުރަށް ވިދާޅުވިއެވެ.

 

ޕީއެންސީގެ ޓިކެޓަށް ޝައުގުވެރިވާ، ކުރީގެ ޑިފެންސް މިނިސްޓަރު، އާދަމް ޝަރީފް މިއަދު ވިދާޅުވީ އޭނާ ޕީއެންސީގެ ޓިކެޓް ހޯދުމަށް މަސައްކަތް ކުރައްވާނީ ޕީޕީއެމް އާއި ޕީއެންސީގެ އެއްބައިވަންތަކަން ނުގެއްލޭ ގޮތަށް ކަމަށާއި، ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ބެކަޕް ކެންޑިޑޭޓެއް ނެރުމަށް ރައީސް ޔާމީން އެންގެވީ ޕީޕީއެމް އާއި ޕީއެންސީގެ ޑިމޮކްރެޓިކް ހަރުދަނާ އުސޫލުގެ ތެރެއިން ކަމަށެވެ. އަދި އެއީ، ހިކުމަތްތެރި ވިސްނުމެއްގެ ތެރެއިން ކުރެއްވި ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

”އަޅުގަނޑަށް 100އިން 100 ޔަގީންކަން އެބައޮތް، މިއަދު މި ނަގާ ވޯޓު، އަޅުގަނޑު ކާމިޔާބު ކުރާނަން.“

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ޕީއެންސީގެ ރިޔާސީ ޓިކެޓް ކޮންމެ ބޭފުޅަކަށް ލިބިވަޑައިގެންނެވި ނަމަވެސް ރައީސް ޔާމީން މިނިވަން ކުރުމަށް ކުރާ މަސައްކަތުގައި އޭނާ ސާބިތުވެ ދެމިހުންްނަވާނެ ކަމަށެވެ.

 

ޕީއެންސީގެ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރެއްވި އާދަމް ޝަރީފު-

 

ިޕީއެންސީގެ ރިޔާސީ ޓިކެޓު ލިބޭ ފަރާތް ކަނޑައެޅުމަށް އެ ާޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމެއް، މިއަދު 16:00ގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީންގެ ރިޔާސީ ޓިކެޓު އިލެކްޝަންސް ކޮމިޝަން(އީސީ)އިން ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާއިރު، މި މައްސަލައަށް ތަދައްޚުލުވާން ޕީޕީއެމުން ވަނީ ނިންމައިފައެވެ.

ރައީސް ޔާމީންގެ އިންތިޚާބީ އެޖެންޓް އަދި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދިވެހީންގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމިންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް ހުށައަޅުއްވާ އެކޯޓުން ބަލަމުންދާ މައްސަލައަށް، އެމަނުކުފާނަށް ތާއީދު ކުރައްވާ އެންމެހާ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދިނުމަށްޓަކައި ޕީޕީއެމުން ތަދައްޚުލުވެފައިވާ ކަމަށެވެ.