އުރީދޫއިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ”އުރީދޫ މަސްރޭސް“ 34 ޓީމާއެކު މާދަމާ މާލޭގައި ފަށަން ތައްޔާރުވެއްޖެއެވެ.
އުރީދޫއިން ބުނީ މިއަހަރުގެ މަސްރޭހުގައި ބައިވެރިވުމަށް ޖުމްލަ 83 ޓީމާކުން ރެޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އަދި, ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތަށް މި އަހަރުގެ މަސްރޭސް ވެގެންދާނެ ކަމަށެވެ.
މާދަމާ މެންދުރު 14:30 ގައި ޓީމުތައް މަސްވެރިންގެ ޕާކުން މަހަށް ފުރާއިރު، މަސް ކިރުމަށް ހުރިހާ ޓީމްތަކުން އުސްފަސްގަނޑަށް މާދަމާ ރޭ 21:00ގެ ކުރިން އަންނާނެ އެވެ.
އަދި, މަސް ކިރުމުގެ މަސައްކަތް އުސްފަސްގަނޑުގައި ކުރިއަށް ދާއިރު ހަބޭސް ބޮޑުބެރުގެ ހިތްގައިމު ހަރަކާތްތައް ވެސް އުސްފސްގަނޑު ސަރަހައްދުގައި އޮންނާނެ ކަމަށް އުރީދޫއިން ބުނެއެވެ.
އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ”އުރީދޫ މަސްރޭސް 2023“ މާލޭގެ އިތުރުން ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ވެސް ކުރިއަށްދާނެއެވެ.
މުބާރާތް ފަށާ ތާރީހުތައް
- މާލެ ސިޓީ: އޮގަސްޓް 4،
- ކުޅުދުއްފުށި ސިޓީ: އޮގަސްޓް 11،
- އައްޑޫ ސިޓީ: އޮގަސްޓް 18،
- ފުވައްމުލައް ސިޓީ: އޮގަސްޓް 25،
މާލެއިން 34 ޓީމު ބައިވެރިވާ އިރު ކުޅުދުއްފުށި ސިޓީން 23 ޓީމާއި އައްޑޫ ސިޓީގެ 13 ޓީމަކާއި ފުވައްމުލައް ސިޓީން 13 ޓީމެއް މަސްރޭހުގައި ބައިވެރިވާނެއެވެ.
އުރީދޫއިން ބުނީ ކޮންމެ ޓީމެއްވެސް އެ ޓީމެއްގެ ސިޓީގައި ޗެމްޕިއަންކަން ހޯދުމަށް ވާދަކުރާއިރު މުބާރާތުގެ ފޯރި އާއި ވާދަވެރިކަން އެހެން އަހަރުތަކަށް ވުރެ ވަރުގަދަވެގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
މި މުބާރާތުގެ ވަނަތަކަށް ދާ ޓީމުތަކަށް ޖުމްލަ 160،000 ރުފިޔާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
- އެއްވަނަ ޓީމް: 25،000ރ.
- ދެ ވަނަ ޓީމް: 10،000ރ.
- ތިންވަނަ ޓީމް: 5،000ރ.
- އެންމެ މޮޅު ފިރިހެން ކެޔޮޅު: 1،000ރ.
- އެންމެ މޮޅު އަންހެން ކެޔޯޅު: 1،000ރ.
އުރީދޫ މަސްރޭހުގެ ކުޅިވަރު ބަލާލުމަށް ބޭނުންވާ ފަރާތްތައް އުސްފަސްގަނޑު ސަރަހައްދަށް އައުމަށް އެ ކުންފުނިން ވަނީ ދައުވަތު ދީފައެވެ.
