ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ ރިޔާސީ ކެންޑިޑޭޓަކަށް ޑރ.މުހައްމަދު މުއިއްޒު ހޮވިވަޑައިގެންފިއެވެ.

މިއަދު ބޭއްވި ޕީއެންސީގެ މަޝްވަރާ މަޖިލީހުގައި 48 މެމްބަރުން ބައިވެރިވެވަޑައިގެން ވޯޓު ދެއްވިއެވެ. މުއިއްޒުއަށް 25 ވޯޓު ލިބިވަޑައިގެންނެވިއިރު، އޭނާ އާއި ވާދަ ކުރެއްވި، ޕީއެންސީގެ ޕީޖީ ލީޑަރު، އާދަމް ޝަރީފަށް ލިބިވަޑައިގަތީ 23 ވޯޓެވެ.

ޕީއެންސީން ރިޔާސީ ކެންޑިޑޭޓެއް ނެރެނީ، އެ ޕާޓީ ހިމެނޭ ކޯލިޝަނުގެ މައި ޕާޓީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީންގެ ލަފާފުޅުގެ މަތިންނެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް މިއަދު ވިދާޅުވީ، ރައީސް ޔާމީންގެ ކެންޑިޑެސީގެ މައްސަލައިގައި، ސުޕްރީމް ކޯޓުން ނިންމާ ގޮތެއްގެ މައްޗަށް ބިނާކޮށް، ޕީއެންސީގެ ކެންޑިޑޭޓުގެ ނަން އަނބުރާ ގެންދަވާނެ ކަމަށެވެ.