މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ ޑިމޮކްރަސީގެ ނަމުގައި ފިތުނަ އުފައްދަވައި ފަތުރަމުންދާ ކަމަށް މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ތުހުމަތު ކުރައްވައިފިއެވެ.
ރޮޒައިނާ ކުރެއްވި ޕޯސްޓެއްގައި ވަނީ ބްރޯޑްކޮމްގެ ސިޓީއެއް ހިއްސާކުރައްވާފައެވެ.
އޭނާ ވިދާޅުވީ، އިލެކްޝަންސް ކޮމިޝަން އަދި ބްރޯޑްކޮމްއަށް މެމްބަރުން އައްޔަނުކުރުމުގެ މަސައްކަތްތަކަށް ހުރަސްތަކެއް އެޅިފައިވާކަމަށް ފާހަގަކުރައްވާފައެވެ.
ރޮޒައިނާ ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުގެ މެމްބަރެއްގެ މުއްދަތު ޖުލައި މަހުގެ 24 ވަނަ ދުވަހަށް ހަމަވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ، ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު، އެ އިންތިހާބާއި ކުރިމަތިލާންޖެހެނީ އިލެކްޝަންސްގެ މެމްބަރެއް މަދުކޮށްކަމަށެވެ.
އޭނާ ވިދާޅުވީ، ބްރޯޑްކޮމް އިންވެސް މެމްބަރުންގެ މުއްދަތު ހަމަވަމުންދިއުމާއިއެކު ސިޓީ ފޮނުވަމުންދާކަމަށެވެ.
ރޮޒައިނާ ވިދާޅުވީ، އެކަންކަން ކުރިމަތިވެފައިވަނީ އިތުބާރު ނެތް މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް މަޖިލީހުގެ ކޮމިޓީތައް ހުއްޓުވާފައި އޮތުމުން ކަމަށެވެ.
އޭނާ ވިދާޅުވީ، އީވާ އަދި ނަޝީދު ކުރައްވަމުންދާ މަސައްކަތަކީ މަޖިލީސް ހިސޯރުކޮށްގެންތިބެ ޑިމޮކްރެސީގެ ނަމުގައި ފިތުނަ ފެތުރުއްވުމުގެ މަސައްކަތްތައްކަމަށެވެ.
އޭނާ ވިދާޅުވީ، އެ ދެ ބޭފުޅުންގެ ސަބަބުން ރައްޔިތުންގެ މަޖިލީހުން ދޭންޖެހޭ ހިދުމަތްތައް ދިނުމުގައި ގޮންޖެހުންތައް ކުރިމަތިވެފައިވާކަމަށެވެ.

ރޮޒޭނާ ދައްކާތަ ދެކޮޅުޖެހޭ ވާހަކައެއް؟