ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމަށް، އެ ޕާޓީގެ ސެނެޓުގައި އިއްޔެ ނެގި ވޯޓުގައި ވާދަ ކުރެއްވި، މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ދެއްކެވި ސާބިތުކަމަށް ޕީޕީއެމްގެ ނައިބު ރައީީސް އަހްމަދު ޝިޔާމް ތައުރީފު ކުރައްވައިފިއެވެ.

އިއްޔެ ނެގި ވޯޓުގައި، އާދަމް ޝަރީފާ ވާދަ ކުރެއްވީ މާލޭގެ މޭޔަރު، ޑރ.މުހައްމަދު މުއިއްޒުއެވެ.

މުއިއްޒުއަށް 25 ވޯޓު ލިބިވަޑައިގަތްއިރު، އާދަމް ޝަރީފަށް ލިބިވަޑައިގަތީ، 23 ވޯޓެވެ.

ޝިޔާާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން ނުޙައްގު ހުކުމެއްގައި ޖަލުގައި ބަހައްޓައިގެން ސަރުކާރުން ރައްޔިތުންގެ ތާއީދު އޮތް، ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަންގެ ފިކުރު ރިޔާސީ އިންތިހާބުން ބާކީ ކުރުމަށް މަސައްކަތް ކުރާތީ އެ ފުރުސަތު ނުދިނުމަށް ރައީސް ޔާމީންގެ ވިސްނުންފުޅާއެކު ބޭއްވުނު  ޕީ.އެން.ސީ ގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ނުކުރެއްވުނު ކަމުގައި ވިޔަސް ޕްރައިމަރީގައި ދެއްކެވި ސާބިތުކަމަށް  ޕީ.އެން.ސީ ގެ ޕީޖީ ލީޑަރު އާދަމް ޝަރީފު އަށް ސާބަސް ދަންނަވާ ކަމަށެވެ.

”އަޅުގަނޑުމެންގެ މިއަދުގެވެސް އެންމެ ބޮޑު އުންމީދަކީ އަދި ދުއާ އަކީވެސް ރައީސް ޔާމީން އަށް އިންތިހާބުގައި ވާދަކުރެވި ކާމިޔާބު ކުރެއްވުން. އަޅުގަނޑުމެން ބަދަހި ކަމާއެކި މަސައްކަތްކޮށް މި އަނިޔާވެރި ނާގާބިލް ވެރިކަން ނިންމާނަން.“

‎އާދަމް ޝަރީފު އިއްޔެ ވިދާޅުވީ، އަދިވެސް އުއްމީދަކީ ރައީީސް ޔާމީން މިނިވަންވުން ކަމަށާއި، މުއިއްޒުއަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ޖެހިވަޑައިގެންފިނަމަ، އޭނާގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ދެއްވާނެ ކަމަށެވެ.