މި އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ތެރެއިން، ޝަރުތު ފުރިހަމަވާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ބާއްވާ ގުރުއަތުލުން މި މަހުގެ ނުވައެއް ވާ ބުދަ ދުވަހު ބޭއްވުމަށް، އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ.

މިކަމާ ގުޅިގެން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މަހުގެ ނުވައެއް ވާ ބުދަ ދުވަހުގެ ހަވީރު 16:30ން ފެށިގެން 17:30 އަށް، ޝަރުތު ފުރިހަމަވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ބާއްވާ ގުރުއަތުލުން އޮންނާނެ ކަމަށެވެ.

އަދި މި ގުރުއަތުލުން އޮންނާނީ، ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ، އެ ރަސްމިއްޔާތުގައި ރިޔާސީ ކެންޑިޑޭޓަކަށް ބައިވެރި ނުވެވޭ ހާލަތުގައި ކެންޑިޑޭޓުގެ މަންދޫބަށް ބައިވެރިވެވިދާނެ ކަމަށެވެ. އަދި މިކަމާ ގުޅޭ ތަފްސީލް އެ ކޮމިޝަނުން ކެންޑިޑޭޓުންނަށް އަންގާނެ ކަމަށެވެ.

އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެ ކަމަށް މިހަތަނަށް ނިންމަވާފައިވާ ކެންޑިޑޭޓުންނަކީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން އާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމް، އެމްއެންޕީގެ ރިޔާސީ ކެންޑީޑޭޓް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް، ދަ ޑީމޮކްރެޓްސްގެ ފަރާތުން އިލްޔާސް ލަބީބްގެ އިތުރުން އަމިއްލަ ގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި އެމްއާރުއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫނެވެ.