ޖިނާއީ ހުކުމަކުން ކަނޑައަޅާ ޖޫރިމަނާއަކީ އުގޫބާތުގެ ވައްތަރެއް ކަމަށާއި، އެއީ ސާބިތު ދަރަންޏެއް ނޫން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
ކުރީގެ އުއްތަމޑިޔާރު މިހެން ވިދާޅުވީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަން(އީސީ)އިން ބޭރުކޮށްލި މައްސަލައިގައި ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އީސީން ސާބިތު ދަރަނީގެ މައްސަލަ ފެންމަތި ކުރުމުންނެވެ.
އީސީގެ ވަކީލު މަހްފޫޒް ސައީދު ވަނީ ރައީސް ޔާމީން ނުދައްކަވައި އޮތް ދަރަންޏެއް އޮތް ކަމަށް ވިދާޅުވެފައެވެ.
އެކަމަކު، ރައީސް ޔާމީންގެ ވަކީލް ހަމްޒާ ލަތީފް ވިދާޅުވީ އެމަނިކުފާނުގެ ސާބިތު ދަރަންޏެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، ޖޫރިމަނާ އަކީ ދަރަންޏެއް ނޫން ކަމަށެވެ.
މި ވާހަކަތަކާއި ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ، ޖިނާއީ ހުކުމަކުން ކަނޑައަޅާ ޖޫރިމާނާޔަކީ އުގޫބާތުގެ ވައްތަރެއް ކަމަށެވެ. އަދި އެއީ މާލީ އުގޫބާތެއް ކަމަށާއި ސާބިތު ދަރަންޏެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
އެއާ ހިލާފަށް ސާބިތު ދަރަނި ގުޅިފައިވަނީ ކޮންޓްރެކްޓަކުން ނުވަތަ އެނޫންވެސް މަދަނީ މުއާމަލާތަކުން އުފެދޭ މާލީ އިލްތިޒާމުތަކާއި ކަމަށާއި، އެއީ އެއްވެސް ހާލެއްގައި ޖިނާއީ ކުށަކާ ގުޅޭ އެއްޗެއް ނޫން ކަމުގައެވެ.