އިދިކޮޅު ލީޑަރު، ރައީީސް ޔާމީނަށް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ) އިން ނިންމައިފައިވާ ނިންމުމަށް، އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުން ތާއީދު ކުރުމާއެކު، އިސްތިއުނާފީ މަރުހަލާގައި ރައީސް ޔާމީނަށް ހައްގު ހޯދައި ނުދެވި ހިފެހެއްޓުމުގެ ނަތީޖާ ފެނިގެން ގޮސްފައިވާ ކަމުގައި އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައި ނުގަތް މައްސަލައިގައި ސުޕްރުމް ކޯޓުގައި މިއަދު ކުރިއަށް ދިޔަ ހުކުމް އިއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖަމީލު ވިދާޅުވީ، އިސްތިއުނާފީ މަރުހަލާގައި ރައީސް ޔާމީންގެ ހައްގު ނުހިފެހެއްޓުނު ނަމަ، މިއަދު މި މައްސަލައިގައި ސުޕްރިމް ކޯޓާއި ހަމައަށް އަންނަންވެސް ނުޖެހުނީސް ކަމަށެވެ.

މީގެ އިތުރުންވެސް ޖަމީލު ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ދައުވާގައި ހެކިންގެ ގޮތުގައި ހެކި ބަސް ނަގަމުން އެދަނީ ދައުލަތުން ކާންދީ ބަލަހައްޓަމުން ގެންދާ ބައެއް ކަމަށެވެ. އަދި މައްސަލައިގައި އަސާސްހުރި ހެއްކެއް ދައުލަތަކަށް ދެއްކިފައިނުވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޖަމީލު ވަނީ، ރައީސް ޔާމީންގެ ކެންޑިޑެސީ މައްސަލަައިގައި ސުޕްރީމް ކޯޓުން ގާނޫނު އަސާސީ ތަރުޖަމާކޮށްފައިވަނީ މުޅިން ނުބައިކޮށް ކަމަށް ވެސް ވިދާޅުވެފައެވެ.