މި އަހަރުގެ ރިޔާސީ އިންތިހާބު ބޮއިކޮޓު ކުރުމާއި ގުޅޭގޮތުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސެނެޓުން ގޮތެއް ނިންމުމަށް މަޝްވަރާ ފަށައިފިއެވެ.

ސެނެޓުން މި މަޝްވަރާ ފަށަނީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީީސް ޔާމީނަށް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެކަމަށް އިލެކްޝަންްސް ކޮމިޝަން(އީސީ)އިން ނިންމި ނިންމުމަށް ސްޕްރީމް ކޯޓުން ތާއީދު ކުރުމުންނެވެ.

އިންތިހާބު ބޮއިކޮޓް ކުރުމަށް ސެނެޓަށް ފެންނަ ނަމަ ގޮތެއް ނިންމުމަށް އިދިކޮޅު ލީޑަރު، ރައީސް ޔާމީން އެދި ވަޑައިގެންފައިވާއިރު، ޕީއެންސީގެ ޓިކެޓުގައި، މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައެވެ.

ރައީީސް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެއްވޭނަމަ، އިދިކޮޅުގެ ޕްލޭން ބީ އަކީ ޕީޕީއެމުން އެހެން ކެންޑިޑޭޓެއް ނެރުމެވެ. އަދި ޕީއެންސީން ވާދަ ކުރުމަކީ، ޕްލޭން ސީ ކަމުގައި، ކުރިން ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމަށް ފަހުގައި، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ރައީީސް ޔާމީންގެ އިސް ގާނޫނީ ވަކީލު، ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ، އިސްތިއުނާފީ މަރުހަލާގައި ރައީސް ޔާމީނަށް ހައްގު ހޯދައި ނުދެވި ހިފެހެއްޓުމުގެ ނަތީޖާ ފެނިގެން ގޮސްފައިވާ ކަމަށެވެ.

ޖަމީލު ވިދާޅުވީ، އިސްތިއުނާފީ މަރުހަލާގައި ރައީސް ޔާމީންގެ ހައްގު ނުހިފެހެއްޓުނު ނަމަ، މިއަދު މި މައްސަލައިގައި ސުޕްރިމް ކޯޓާއި ހަމައަށް އަންނަންވެސް ނުޖެހުނީސް ކަމަށެވެ.

މީގެ އިތުރުންވެސް ޖަމީލު ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ދައުވާގައި ހެކިންގެ ގޮތުގައި ހެކި ބަސް ނަގަމުން އެދަނީ ދައުލަތުން ކާންދީ ބަލަހައްޓަމުން ގެންދާ ބައެއް ކަމަށެވެ. އަދި މައްސަލައިގައި އަސާސްހުރި ހެއްކެއް ދައުލަތަކަށް ދެއްކިފައިނުވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޖަމީލު ވަނީ، ރައީސް ޔާމީންގެ ކެންޑިޑެސީ މައްސަލަައިގައި ސުޕްރީމް ކޯޓުން ގާނޫނު އަސާސީ ތަރުޖަމާކޮށްފައިވަނީ މުޅިން ނުބައިކޮށް ކަމަށް ވެސް ވިދާޅުވެފައެވެ.