ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމު އިބްރާހީމުގެ ރަނިން މޭޓަކަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހީމް ހަމަޖައްސައިފިއެވެ.
ގާސިމުގެ ކެމްޕޭންގައި އިސްކޮށް އުޅުއްވާ ޑރ.އަމީން ވަނީ ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރައްވާފައެވެ.
ގާސިމުގެ ރަނިންމޭޓެއް ކަނޑައެޅިއިރު، މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި، ޑިމޮކްރެޓްސްގެ ކެންޑިޑޭޓް، އިލްޔާސް ލަބީބް ވަނީ، ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވައިފައެވެ.
ރައީސް ސޯލިހުގެ ރަނިންމޭޓަކީ އެމަނިކުފާނާއި އަރިސް ބޭފުޅެއް ކަމުގައިވާ، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. އިލްޔާސްގެ ރަނިންމޭޓަކީ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވި، އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރުއެވެ.
