ރިޔާސީ އިންތިޚާބު ބޮއިކޮޓް ކުރުމަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެންމެ ފުރުސަތު ބޮޑުވާނެ ގޮތްކަމަށާއި، އެކަން ނުކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

Ads by Asuru

ނަޝީދު މިހެން ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ރަނގަޅަށް ކަމަށް ސްޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމުން އިންތިހާބު ބޮއިކޮޓް ކުރަން އެ ޕާޓީގެ ލީޑާޝިޕަށް ޔާމީން އެންގެވުމާ ގުޅިގެންނެވެ.

ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަކީ ރައީސަށް އެންމެ ފުރުސަތު ބޮޑުވާނެ ގޮތްކަމަށެވެ.

“ޕީޕީއެމް ހުރިހާ ބޭފުޅުން މިކަމާ އަދި އިތުރަށް ވިސްނައިލެއްވުމަށް ވަރަށް އެދެން. އުންމީދު ނަންގަވާ ނުލައްވާ ޑިމޮކްރެޓްސްއާއެކު ކުރިއަށް ވަޑައިގަންނަވާ.“ އޭރުން ކާމިޔާބުވާނެކަމަށް ވިދާޅުވެ ނަޝީދު ކުރެއްވި ޓުވީޓުގައިވެއެވެ.

ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމާއި ގުޅޭގޮތުން، ޕީޕީއެމް-ޕީއެންސީގެ ސެނެޓުގައި މަޝްވަރާ ކުރަމުން އަންނައިރު، އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

އިދިކޮޅު ކޯލިޝަނުން އިންތިހާބު ބޮއިކޮޓް ކުރަން ނިންމިއިރު، ޕީއެންސީގެ ރިޔާސީ ޓިކެޓު، ޑރ.މުހައްމަދު މުއިއްޒުއަށް ވަނީ ދީފައެވެ.