އިންތިހާބު ބޮއިކޮޓް ކުރެއްވުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން ނިންމެވި ނިންމުން ބަދަލުކޮށް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ފުރިހަމައަށް ތާއީދު ކުރައްވާފައިވާ ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.

Ads by Asuru

ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުއިއްޒު މިއަދު ވަނީ އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމް ހުށަހަޅުއްވާފައެވެ.

ޕީޕީއެމްއިން ބުނެފައިވަނީ، ޕްރޮގެސިވް ކޮންގްރެސް ކޯލިޝަން އަށް އަދި ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކީ، އެ ކޯލިޝަންގެ ސެނެޓާއި އާންމު މެމްބަރުންނާއި، ލައްކައަކަށްވުރެ ގިނަ ދިވެހި ރައްޔިތުންގެ އެދުމާއެއްގޮތަށް ކޯލިޝަންގެ ފަރާތުން ކެންޑިޑޭޓަކު އިންތިހާބުގައި ވާދަކުރެއްވުންކަމަށް ރައީސް ޔާމީން ދެކެވަޑައިގަންވާ ކަމަށެވެ.

އެގޮތުން ސެނެޓްގެ ވިސްނުމާއި އެއްގޮތަށް ރައީސް ޔާމީން އެމަނިކުފާނުގެ ވިސްނުންފުޅު ބަދަލު ކުރައްވާ، ޕީއެންސީ އިން ނެރޭ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒުއަށް ތާއީދުކުރެއްވުމަށް ނިންމަވަވާފައިވާކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ރައީސް ޔާމީންގެ ހަމަނުވާކަމަށް އީސީން ނިންމި ނިންމުމަށް އިއްޔެ ސުޕްރީމް ކޯޓުން ތާއީދުކޮށްފައިވާއިރު، ރައީސް ޔާމީން ނިންމެވީ އިންތިހާބު ބޮއިކޮޓް ކުރެއްވުމަށެވެ.

އެހެންނަމަވެސް ދެ ޕާޓީގެ ލީޑާޝިޕުން ނިންމީ އިންތިހާބުގައި ވާދަކުރުމަށެވެ. ނަމަވެސް އެމަނިކުފާނު ފަހުން ވަނީ ވިސްނުންފުޅު ބަދަލު ކުރައްވައިފައެވެ.

އިންތިހާބަށް ވާދަކުރުމުގެ ފަހުވަގުތަކީ މިއަދު މެންދުރު 02:00 އެވެ.