ދ.ހުޅުދެލީގެ މަގުތަކުގައި ތާރު އަޅަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.
”އުފާވެރި އަމާން ރާއްޖެ“ ކެމްޕެއިނުގައި ރައީސް ސޯލިހު މިއަދު ވަނީ ހުޅުދެއްޔަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައިފައެވެ.
މިއަދު އެ ރަށުގައި، ހަތަރު މަޝްރޫއުއެއްގެ ނިމުން ފާހަގަކުރެއްވިއިރު، ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ، ދ.އަތޮޅުން އެންމެ ގިނަ މަޝްރޫއުތައް ހިންގަވާނީ ވެސް ހުޅުދެލީގައި ކަމަށް ވިދާޅުވިއެވެ.
ހުޅުދެއްޔަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އަދި ބައެއް މަސައްކަތްތައް ނިމުމާ ގާތަށް ދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކުރިއަށް އޮތް ފަސް އަހަރަށް ކޮށްދެއްވާނެ ކަންކަމުގެ ދިގު ލިސްޓެއް އެބަ އޮތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެގޮތުން އެ ދާއިރާގައި ހުރި ރަށްރަށުގެ ތެރެއިން އެންމެ ގިނަ މަސައްކަތް ކޮށްދޭން ލިސްޓް ކޮށްފައި ވަނީ ހުޅުދެއްޔަށް ކަމަށާއި އެ ލިސްޓުގައި 12 ޕްރޮޖެކްޓް ހިމެނޭ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.
އެގޮތުން ހުޅުދެލީގައި ޒުވާނުންނަށް ކޮމިއުނިޓީ ސެންޓަރެއް އެޅުމަށާއި، އޭޓީއެމް މެޝިނެއް ބެހެއްޓުމަށާއި، އާ ކައުންސިލްގެ އިދާރާ އިމާރާތް ކުރުމާއި، ރަށުގެ މަސްވެރިންނަށް ސްޕޯޓްސް ކަނދުފައްޗެއް ހެދުމަށާއި، އައިސް ޕަލާންޓެއް ގާއިމްކުރުމާއި، ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމާއި، މަގުތައް ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމާއި، މަލްޓިޕާޕަސް ހޯލެއް އެޅުމަށާއި، 10 ކްލާސްރޫމް އިތުރު ކުރުމާއި، ރަށުގެ ބިން ބޮޑު ކުރުން ހިމެނެއެވެ.
ރައީސް ވިދާޅުވީ، އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ވެއްޖެ ނަމަ، އެ ރަށަށް ރައީސް ވެވަޑައިގެންނެވި ވައުދުތައް، އަންނަ ދައުރުގެ ފަސް އަހަރު ނިމުމުގެ ކުރިން ފުއްދަވާނެ ކަމުގައެވެ.
