ވެރިކަން ލިބިވަޑައިގެންފިނަމަ، މަގާމުގެ ހުވާ ކުރެއްވުމުގެ ކުރިން ވެސް، ރައީީސް ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިފަދައިން ވިދާޅުވީ އޭނާގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން(އީސީ)އަށް ހުށަހަޅުއްވުމަށް ފަހުގައެވެ.
ރިޔާސީ އިންތިހާބު ކާމިޔާބުވުމާ އެކީ ފުރަތަމަ ވެސް ކުރައްވާނެ ކަމަކީ، ރައީީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެންނެވުން ކަމަށް މާލެ ސިޓީގެ މޭޔަރުކަން ކުރައްވާ މުއިއްޒު ވަނީ ވިދާޅުވެފައެވެ.
”ދެ ވަނަ ބުރަކަށް ދަންޏާ ދެ ވަނަ ބުރުގައި ކާމިޔާބުވެ، ފުރަތަމަ ޕޯޑިއަމްއަށް އަރާ، ފުރަތަމަ އަޅުގަނޑު ދައްކާނެ ވާހަކަ އަކީ ވެސް، މިހާރު ހުރި ރައީސްއަށް ގޮވާލުން މިހާރުން މިހާރަށް އެ މަނިކުފާނު ގެއަށް ގެންނަން،“ މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒުގެ ކެމްޕެއިން ފަށައިފައިވާއިރު، އޭނާއަށް ޕީއެންސީގެ ރިޔާސީ ޓިކެޓު ދިނީ، ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވިދާނެ ފަދަ ހާލަތަކަށް ތައްޔާރު ވުމުގެ ގޮތުންނެވެ.
