ރިޔާސީ އިންތިހާބަށް 31 ދުވަހަށް ވެފައިވާއިރު، ”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން، ފްލެޓް ލިބޭ މީހުންގެ ލިސްޓު މިއަދު އާންމު ކުރަން ސަރުކާރުން ނިންމައިފިއެވެ.
އެނގިފައިވާ ގޮތުގައި، ސަރުކާރުން މިއަދު އާންމު ކުރާނީ ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓެކެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ’ގެދޮރުވެރިޔާ‘ ސްކީމްގެ ދަށުން ތަރައްގީ ކުރަމުން ދަނީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ހިމެނޭ ފްލެޓްތަކެކެވެ. އޭގެތެރެއިން ދެ ކޮޓަރި ހިމެނޭ އެޕާޓްމަންޓްގައި ހުންނާނީ 650 އަކަފޫޓެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގައި ހުންނާނީ 900 އަކަފޫޓެވެ. ގެދޮރުވެރިޔާ ސިޔާސަތުގެ ދަށުން އަޅަން ނިންމާފައިވަނީ 4،000 ފްލެޓެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ ދެ މަޝްރޫއެއްގެ ގޮތުގައި ދެ ކުންފުންޏަކުންނެވެ. މި މަޝްރޫއުގެ ދަށުން އެންބީސީސީ އިން 2،000 ފްލެޓު އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑުން 2،000 ފްލެޓު އަޅާނެ އެވެ.
