ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އެއްގަލަކަށް އަރައި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުގެ ިރިޔާސީ ކެމްޕެއިން ރަސްމީކޮށް ފަށައި، ރިޔާސީ އިންތިހާބު ”އެއްބުރުން“ ކާމިޔާބު ކުރާނެ ކަމަށް ބުނެފިއެވެ.

ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ނޫޫސްވެރިންގެ ބައްދަލުވުމުން، ޕީޕީއެމް-‏ޕީއެންސީގެ ލީޑަރޝިޕް ފެނުނީ ހިޔާލު ތަފާތުވުންތައް އެއް ފަރާާތްކޮށް، އެކުގައި މަސައްކަތް ކުރުމުގެ ރޫހެއްގައި ތިބިތަނެވެ.

އިދިކޮޅު ލީޑަރު، ރައީީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން(އީސީ)އިން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދު ކުރުމުން ކޯލިޝަންގެ ތެރޭގައި އުފެދުނު ދެބަސްވުންތައް، މިރޭގެ ނޫޫސްވެރިންގެ ބައްދަލުވުމަކުން ނުފެނުނެވެ.

ނޫސްވެރިންގެ ބައްދަލުވުން ފައްޓަވަމުން، ޕީޕީއެމް-ޕީއެންސީގެ ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް ވިދާޅުވީ ދެ ޕާޓީގެ ލީޑަރޝިޕް އެއްކޮށް ކުރިއަށް ދިޔުމަށް، ކޯލިޝަންގެ ލީޑަރު، ރައީސް ޔާމީން ނިންމަވައިފައިވާ ކަމަށެވެ.

”މިރޭ އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑު، ރައީސް ޔާމީނަށް ހާއްސަ ޝުކުރެއް ދަންނަވަން ބޭނުން، އެއީ މި ސަރުކާރުގެ އެ ނުރައްކާތެރި އަނިޔާގައި، އެމަނިކުފާނު ދުވަސްތައް ހޭދަ ކުރައްވަމުން ގެންދަވާއިރު ވެސް، އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އަނިޔާއަށްވުރެ ބޮޑަށް ގައުމާ ރައްޔިތުންނަށް އިސްކަން ދެއްވާ، މި އިންތިހާބުގައި އަޅުގަނޑުމެން ވާދަ ކުރުމަށް ފުރުސަތު ދެއްވި ދެއްވުން، އެއީ އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެން އެމަނިކުފާނަށް ޝުކުރު ދެންނެވުން ހައްގު ކަމެކޭ.“ އޭނާ ވިދާޅުވިއެވެ.

 

 

ޕީޕީއެމް-ޕީއެންސީން މިރޭ ބޭއްވި ނޫޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީީސް އަބްދުއްރަހީމް ވާަހަކަ ދައްކަވަނީ- ފޮޓޯ/ ޕީޕީއެމް

 

އަބްދުއްރަހީމް ވިދާޅުވީ، ރިޔާސީ ކެންޑިޑޭޓް މުއިއްޒު އާއި، ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފަކީ ރައީީސް ޔާމީން ”އެންޑޯޒް“ ކުރައްވައިފައިވާ ދެ ކެންޑިޑޭޓުން ކަމަށާއި، ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއްގެ މައިގަނޑު އަމާޒަކީ ރައީސް ޔާމީން މިނިވަންކޮށް، އިދިކޮޅު ކޯލިޝަނުގެ ސަފަށް ގެނައުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއްގައި އެންމެ ފުރަތަމަ ދުވަހު ވެސް ރައީސް ޔާމީން ހުންނަވާނީ މިނިވަނެއްގެ ގޮތުގައެވެ.

”އެމަނިކުފާނުގެ ފުރިހަމަ ލަފާފުޅާއި އިރުޝާދާއިއެކީގައި އަޅުގަނޑުމެންގެ ކެމްޕެއިން ހިނގަމުން ދާނީވެސް، އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއް ކުރާނީ ވެސް ރައީީސް ޔާމީންގެ އިރުޝާދާއި ލަފާފުޅާއި އެކީގައި.“

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ޕީޕީއެމް-ޕީއެންސީގެ ލީޑަރޝިޕް އޮތީ މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ވެސް ކުރަން ތައްޔާރަށް ކަމަށެވެ.