ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ރަނިންމޭޓް، ހުސައިން މުހައްމަދު ލަތީފު(ސެމްބެ) މިއަދު ދޮރުން ދޮރަށް ހިންގަވަން ފައްޓަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ މުއިއްޒު އާއި ސެމްބެގެ ”ޑޯ ޓު ޑޯ“ ހަރަކާތް މިއަދު ފަށާނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ކަމަށެވެ.
”މި ހަރަކާތް ފެށުމަށް ހަމަޖެހިފައި ވަނީ 16:15ގައި ހިޔާ(އަތިރިމަތި ފަޅި) ބަސް ހުއްޓި ސަރަހައްދުންނެވެ.“ ޕީޕީއެމް-ޕީއެންސީން ބުނެފައިވެއެވެ.
ި
މި ފަހަރުގެ ރިޔާސީ އިންތިހާބުގައި 8 ކެންޑިޑޭޓުން ވާދަ ކުރައްވައެވެ. އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ނަންތައް އިއްޔެ ވަނީ ތަރުތީބު ކޮށްފައެވެ. މުއިއްޒުއަށް ލިބިވަޑައިގަތީ ކެންޑިޑޭޓް ނަންބަރު 4އެވެ.
ޕީއެންސީގެ ޓިކެޓުގައި ޑރ.މުއިއްޒު ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާއިރު، ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން އުފުލި ދެ ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުމުން އިދިކޮޅު ލީޑަރު، ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން(އީސީ)އިން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން އާދިއްތަ ދުވަހު ވަނީ ތައީދު ކޮށްފައެވެ.
އިދިކޮޅުން ބުނީ ރައީީސް ޔާމީންގެ ފުރިހަމަ ތާއީދު މުއިއްޒުއާއި ސެމްބެއަށްް އެބައޮތް ކަމަށާއި އިންތިހާބު އެއްބުރުން ކާމިޔާބުވާނެ ކަމަށެވެ.
