ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުވަދު އަތޮޅު އުތުރުބުރީ، ކޮނޑޭ ކައުންސިލްގެ އާ އިމާރާތާއި، ފެނަކަ އައު އިންޖީނުގެއާ އޮފީސް އިމާރާތް ހުޅުއްވައިދެއްވައިފިއެވެ.
ރައީސް މިތަންތަން ހުޅުއްވައި ދެއްވީ، މިހާރު އެމަނިކުފާނު ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މިއަދު ހެނދުނު އެރަށަށް ކުރެއްވި ޒިޔާރަތުގައެވެ.
ރައީސް މިއަދު ހުޅުއްވައި ދެއްވި ކޮނޑޭ ކައުންސިލް އިމާރާތަކީ، ޖާގަ ތަނަވަސް އަދި ޒަމާނީ، އޮފީސް އިމާރާތެކެވެ.
ކޮނޑޭ ކައުންސިލްގެ އާ އިމާރާތް ބިނާކޮށްފައި ވަނީ، އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކުރައްވައިގެންނެވެ.
މީގެ އިތުރުން ރައީސް މިއަދު ވަނީ، ކޮނޑޭ ފެނަކަ އައު އިންޖީނުގެއާ އޮފީސް ޢިމާރާތްވެސް ހުޅުއްވައި ދެއްވާފައެވެ.
ފެނަކަ އާ އިންޖީނުގެއާ އޮފީސް ޢިމާރާތަކީ ޖާގަ ތަނަވަސް ޒަމާނީ ޢިމާރާތެކެވެ. އައު އޮފީހުގައި ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެއެވެ. އަދި އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ، 500ކިލޯވޮޓްއެވެ. ކޮނޑޭގައި މީގެ ކުރިން ބޭނުން ކުރަމުން އައި އިންޖީނުގޭގެ ޢިމާރާތަކީ 21 އަހަރުވީ އިމާރާތެކެވެ.
