ސިއްހީ ހާލުކޮޅު ރަނގަޅު ނޫން ކަމަށާއި، އެހެންނަމަވެސް އެމަނިކުފާނު ހޮސްޕިޓަލުގައި އެޑްމިޓް ނުވަނީ އާއިލާ ތަހައްމަލު ކުރާނެ ވޭން އިހްސާސް ކުރެވޭތީ ކަމަށް އިދިކޮޅު ލީޑަރު ރައީީސް ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމްގެ ރައީސް މިހެން ވިދާޅުވީ، ވ. އާރަށް ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް، އަދަބެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ދެއްކުމުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގައި މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދުގެ އަޑުއެހުމުގައި ހުކުމް ތަންފީޒުކުރުން ފަސް ކުރުމަށް ރައީސް ޔާމީންގެ ފަރާތުން ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުން ޝަރީއަތަށް އިއްވައި ވާހަކަ ދައްކަވާ ނިންމެވުމުން އެމަނިކުފާނުވަނީ ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތަކަށް އެދިވަޑައިގެންފައެވެ.

ލިބިވަޑައިގެންނެވި ފުރުސަތުގައި ރައީސް ޔާމީން ވިދާޅުވީ މާފުށީ ޖަލުގައި ހުންނަވާއިރު، އެމަނިކުފާނުގެ އުނަގަނޑުގައި ރިހޭ ރިހުމަށް ހައްލެއް ހޯދުމަށް، ޑޮކްޓަރު ލަފާ ދެއްވައިފައިވާ ގޮތަށް މޫދަށް ވަޑައިގެން ކަސްރަތު ވެސް ނުކުރެއްވޭ ކަމަށާއި، ޖިސްމާނީ ގޮތުން އެމަނިކުފާނުގެ ސިއްހީ މައްސަލަތައް ހުރި ކަމަށެވެ.

”އަޅުގަނޑު ހޮސްޕިޓަލަށް ނާންނަނީ އަޅުގަނޑު ހޮސްޕިޓަލަށް އަންނަން ނުޖެހޭތީކީ ނޫން. އަޅުގަނޑު ހޮސްޕިޓަލަށް ނައިސް މިފަހަރު މި އޮންނަނީ އަޅުގަނޑުގެ އާއިލާ ތަހައްމަލު ކުރާނެ ހިތްދަތިކަން އިހްސާސް ކުރެވޭތީ. އެތަނަށް އައިސް އޮންނަން ވެއްޖެއްޔާ، އާއިލާއިން އިތުރަށް ކަންބޮޑުވާތީ.“

 

ރައީީސް ޔާމީން އިތުރަށް ވިދާޅުވީ އެމަނިކުފާނަށް މިހާރު އަދަބު ލިބިގެންދަނީ އެމަނިކުފާނު ކުރައްވައިފައިވާ ކަމަކަށް ނޫން ކަމަށެވެ. ހައިކޯޓުގައި އިސްތިއުނާފު މައްސަލަ ކުރިއަށްދާއިރު އެކަން ސާބިތު ކޮށްދެއްވާނެ ކަމަށް ވެސް ރައީީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ އެމަނިކުފާނަށް ކުރިން ވެސް އިއްވި ހުކުމުން ސަލާމަތްވެވަޑައިގެންނެވިކަން ފާހަގަކުރައްވައި، އެމަނިކުފާނު ގެއަށް ބަދަލު ކޮށްފިނަމަ، ދައުލަތަށް ވާނެ ގެއްލުމެއް އޮތްތޯ އައްސަވައިފައެވެ.

ރައީސް ޔާމީން ވިދާޅުވީ ކުރިން ބައެއް މައްސަލަތަކުގައި ކަފާލާތު ދެވޭއިރު، މިހާރު އެފަދަ އުސޫލެއް ނެތުމަކީ ކަފާލާތު ލިބޭ މީހާގެ އުނިކަމެއް ނޫން ކަމަށެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ހާއްސަ ހާލަތްތައް މެދުވެރިވުމުން ކަފާލާތު ދީފައި ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.