ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ވަޑައިގަތުމުން ސަޕޯޓަރުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވައްސަށް މުއިއްޒު ވަޑައިގެން ދޮރުން ދޮރަށް ހިންގެވިއިރު، ޕީއެންސީގެ ރައީސް އަބްދުއްރަހީމާއި، މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވެސް މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މުއިއްޒުއަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ނުކުމެ ތިއްބެވެ.

 

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި

ދެވަނަ ފިޔަވަހީގެ ބައެއް ރައްޔިތުންނާއި ބައްދަލުކުރައްވައި، އެމީހުންގެ ކަންބޮޑުވުންތައް މުއިއްޒު އެއްސެވިއެވެ. އެތަނުގައި މިއަދު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ ސަރުކާރުން އެމީހުންނަށް އިހުމާލުވެފައިވާ ކަމަށާއި، އެމަނިކުފާނުގެ ވެރިކަމެއްގައި ދެވަނަ ފިޔަވަހީގެ ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދެއްވާނެ ކަމަށެވެ.

މުއިއްޒު މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަނީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނަށް ވާދަ ކުރެއްވުމުގެ ފުރުސަތު ގެއްލުމުންނެވެ.

ވ.އާރަށް މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ ވެސް، އެމަނިކުފާނަށް އިންތިހާބުގައި ވާދަ ކުރެއްވުމުގެ ދޮރު ބަންދު ކުރުމަށް ކަމަށް އިދިކޮޅުން މީގެ ކުރިން ވެސް އައީ ބުނަމުންނެވެ.