ހާމަކަން ބޮޑުކޮށް ހިޔާލުފާޅު ކުރަން އެއޮތީ ޖާގަ ދީފައި ކަމަށް ވިދާޅުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އިތުރުފުޅު ހައްދަވައިފިއެވެ.
ރައީސް ސޯލިހު މިގޮތަށް ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިނަށް ގއ.ކޮލަމާފުއްޓަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މިނިވަންކަމާއެކު ވާދަވެރިން ހިޔާލުފާޅު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ވިދާޅުވީ ކެމްޕެއިން ކުރަން އެއްވެސް ހުރަހެއް ނޯންނާނެ ކަމަށާއި، 12 ކެންޑިޑޭޓުން މި އަހަރުގެ ރިޔާސީ ރޭހަށް ކުރިމަތިލެއްވިޔަސް، ކެމްޕެއިން ކުރެއްވުމަށް އެއްވެސް ވަރަކަށް ހުރަސް އެޅުމެއް ނެތް ކަމަށެވެ.
ރައީީސް މިހެން ވިދާޅުވިއިރު، އެމަނިކުފާނު މިއަދު ގއ.ވިލިނގިއްޔަށް ވަޑައިގަންނަވާތީ، އެރަށުގައި ސަރުކާރާއި ދެކޮޅަށް އަޑު އުފުލަން އުޅުނު ރައްޔިތުންނަށް ”މަތިކް އައި އޯޑަރަށް“ ފުލުހުން ވަނީ، ބާރުގެ ބޭނުންކޮށްގެން އަނިޔާ ދީ، ހިޔާލު ފާޅުކުރަން ހުރަސް އަޅައިފައެވެ.
ފަހަކަށް އައިސް ރައީސް ވަޑައިގަންނަވާ ރަށްރަށުން އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވައި އަޑު އުފުލާ މީހުން ވަރަށް އަނިޔާވެރިކަމާއެކު ހައްޔަރު ކުރެއެވެ.
