އިންތިހާބީ ރިޝްވަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕޯޓަލްއެއް ގާއިމު ކޮށްފިއެވެ.

Ads by Asuru

އިއްޔެ ގާއިމުކުރި މި ޕޯޓަލް މެދުވެރިކޮށް އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 74 ވަނަ މާއްދާގެ (ހ)ގެ 11 އަދި 12ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިންތިހާބީ ރިޝްވަތުގެ ކުށެއް ކުރާނަމަ ކޮންމެ މީހަކަށްވެސް އެ މައްސަލައެއް، މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.

މި ޕޯޓަލްއަށް ވަނުމުން އިންތިހާބީ ރިޝްވަތަކީ ކޮބައިކަމާއި އެއަށް ސަމާލުވާނެގޮތުގެ މައުލޫމާތު ހިމަނައިގެން އޭސީސީން ތައްޔާރުކޮށްފައިވާ ލުއިފޮތްވެސް ބައްލަވައިލެއްވޭނެއެވެ.

މި ޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު ސިއްރުކޮށްދެވޭގޮތަށް އިންތިޒާމުކުރެވިފައިވީނަމަވެސް މައްސަލައިގެ އަޕްޑޭޓް ފޯރުކޮށްދެވޭނީ ކާކުކަން އެނގޭގޮތަށް މައްސަލަ ހުށަހަޅާ ފަރާތްތަކަށެވެ.

އަދި ވިސިލްބްލޯކުރާ ފަރާތްތަކަށް ކޮމިޝަނުން ރައްކާތެރިކަން ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.

މި ޕޯޓަލް މެދުވެރިކޮށް މައްސަލައާގުޅޭގޮތުން ދެވެން އޮތް އެންމެގިނަ މައުލޫމާތު ހިމެނުމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.

ޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށައަޅާއިރު ސަމާލުކަންދޭންޖެހޭ ކަންކަމުގެ ތެރޭގައި ފޯމުގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތުގެ ގޮތުގައި ފާހަގަކޮށްފައިވާ ބައިތައް ހިމަނާފައި ނުވާނަމަ ފޯމު ބަލައެއް ނުގަންނާނެއެވެ.