ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ފޯމު ލެއްވުމާއި ހަމައަށް ވެސް ރާއްޖޭގައި ސިޔާސީ ގޮތުން އިދިކޮޅުގައި ހުންނެވި ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ޖަލުގައި 1000 ދުވަސް ހޭދަ ކުރެއްވުމާއި ގުޅިގެން ޗެނަލް13 އިން ގެނެސްދިން ޝޯގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ބައެއް ލީޑަރުން އަދިވެސް ތިއްބެވީ މި ސަރުކާރާއިއެކުގައި ކަމަށެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި ސަރުކާރު ހިންގާ ފަރާތާއި، ޖަވާބުދާރީ ކުރުވާ ފަރާތެއް އޮންނައިރު، ޖަވާބުދާރީ ކުރުވުން ހުއްޓުވަން މި ސަރުކާރުން ކުރި އެއްކަމަކީ ރައީީސް ޔާމީން ބަންދުގައި ގެންގުޅުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

”އަޅުގަނޑަށް ހަމަ ގައިމު ވެސް، ވަރަށް ހިތްދަތި އިހުސާސެއް ކުރެވޭ ރައީސް ޔާމީން ޖަލުގައި އޮންނަވާތީ.“

ޖަލު ހުކުމުގެ ސަބަބުން، ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ގެއްލި، ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޑރ.މުހައްމަދު މުއިއްޒު ވަނީ ނެރުއްވައިފައެވެ. އަބްދުއްރަހީމް ވިދާޅުވީ އެ ކޯލިޝަން ވަރަށް ބަދަހިކަމާއެކު އޮތީ ރައީީސް ޔާމީނާއެކުގައި ކަމަށެވެ.