ދީނީ އިލްމުވެރިޔާ ޑރ.އަލީ ޒާހިރު ބިން ސައީދު ގާސިމް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.
ޑރ.އަލީ ޒާހިރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑރ.މުއިއްޒު އާއި ބައްދަލުކުރައްވައިފައިވާ ކަމަށާއި، މި ބައްދަލުކުރެއްވުމުގައި، ވެރިކަމުގެ ތަސައްވުރު ސާފު ކުރައްވައިފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމަނިކުފާނާ މެދު އިތުބާރު އެބައޮތް ކަމަށެވެ.
”ހެޔޮވެރިކަމެއް ކޮށްދެވޭނެ ޢިލްމާއި ޤާބިލުކަމާއި މަޑުމައިތިރި ރިވެތި ސިފަތައް އެބަހުރި. އަޅުގަނޑުގެ ތާއީދު ޑރ.މުޢިއްޒުއަށް.“
ޑރ.އަލީ ޒާހިރު ވަނީ މުއިއްޒުއަށް ކާމިޔާބީއަށް އެދިވަޑައިގަންނަވައިފައެވެ. ޑރ.އަލީ ޒާހިރުގެ އިތުރުން ވެސް ގިނަ ދީނީ އިލްމުވެރިން ގެންދަވަނީ ޑރ.މުއިއްޒުއަށް ތާއީދު ކުރައްވަމުންނެވެ.
ރިޔާސީ ކެމްޕެއިނުގައި މުއިއްޒު ހިންގެވި އެންމެ ފުރަތަމަ ހަރަކާތުގައި ވަޑައިގެންނެވީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށެވެ. އަދި މިއަދު އެމަނިކުފާނު ވަނީ ބޮޑުތިލަދުންމައްޗަށް ވަޑައިގެންފައެވެ.
