ދާދި ފަހުން އިދިކޮޅު މައި ޕާޓީ، ޕީޕީއެމާ ވަކިވެވަޑައިގެންނެވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ޖުމްހޫރީ ޕާޓީ(ޖޭޕީ)އަށް ސޮއިކުރައްވައިފިއެވެ.

ޑރ. ވަހީދު ޖޭޕީ އަށް ސޮއިކުރައްވާނީ ރޭ އދ. މާމިނގިލީގައި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ބޭއްވެވި ކެމްޕެއިން ޖަލްސާގައެވެ. ވަހީދު ޖޭޕީއަށް ސޮއިކުރެއްވި ފޯމާއި ހަވާލުވެވަޑައިގެންނެވީ ގާސިމްއެވެ.

ޖޭޕީ އަށް ވަހީދުގެ އިތުރުން ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވެސް ރޭ ވަނީ ސޮއިކުރައްވާފައެވެ.

ރައީސް ވަހީދު ޖޭޕީއާއި ގުޅިވަޑައިގެންނެވިއިރު، އެމަނިކުފާނު ވަނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. ނަމަވެސް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓު ލިބިވަޑައިގަތީ މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުއަށެވެ.

ރައީސް ވަހީދު ޕީޕީއެމުން ވަކިވެވަޑައިގަތީ، އެ ޕާޓީގެ ކެންޑިޑޭޓެއް ނުނެރުމުން ކަމަށް ވިދާޅުވެފައިވެއެވެ.